ލ. ގަމުގައި އެޗްޑީސީގެ ނާސަރީއެއް ގާއިމުކުރުމަށްޓަކައި އެއްލައްކަ އަކަފޫޓުގެ ބިމެއް އެ ރަށު ކައުންސިލުން އެ ކުންފުންޏަށް ދޫކޮށްފިއެވެ.
އިއްޔެ ގަމަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް ވަނީ އެ ރަށު ކައުންސިލާ ބައްދަލުކުރައްވާފައެވެ. މި ނާސަރީ ގާއިމުކުރުމަށް ނިންމާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުންނެވެ.

ގަމު ކައުންސިލު އިދާރާ

އެޗްޑީސީން އެއް މިލިއަން ގަސް އިންދުމަށް، ހަމަޖެހިފައިވާ ބިން.
އެޗްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން އެ ކުންފުނިން އެއް މިލިއަން ގަސް އިންދުމަށް ވަނީ ނިންމާފައެވެ. ގަމުގައި ގާއިމުކުރާ ނާސަރީ ބޭނުންކުރާނީ މި މަޝްރޫޢުގެ ދަށުން އިންދުމަށް ބޭނުންވާ ގަސްތައް ހެއްދުމަށެވެ.
މީގެ އިތުރުން، މި ނާސަރީގައި ހައްދާ ގަސްތައް ހުޅުމާލެ، ރަސްމާލެ، ކުޑަގިރި، ތިލަފުށި އަދި ގުޅިފަޅު ފަދަ އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތަކުގައި އިންދުމަށްވެސް ބޭނުންކުރާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

