މާލޭ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ)ގެ މުވައްޒަފުންގެ ފަރާތުން މިއަދު ލޭ ހަދިޔާކުރުމުގެ ހަރަކާތެއް ހިންގައިފި އެވެ.
މި ހަރަކާތަކީ ސަރުކާރުން އިސްނަގައިގެން ކުރިއަށް ގެންދާ ގައުމީ ލޭ ހަދިޔާކުރުމުގެ ކެމްޕޭނުގެ ދަށުން މޯލްޑިވްސް ބްލަޑް ސާވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް އިމާރާތުގައި ބޭއްވި މި ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު އާއި ޗެއާޕާސަން ޝަމްހޫޒާ އަހުމަދު އެވެ. މި ހަރަކާތުގައި އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި ގިނަ އަދަދެއްގެ މުވައްޒަފުންގެ އިތުރުން މާލެ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމް އަދި ކައުންސިލުގެ މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެމްޑަބްލިޔުއެސްސީން މައުލޫމާތު ދެއްވި ގޮތުގައި، މި ހަރަކާތަކީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. އަދި މި ހަރަކާތުގެ އެންމެ މުހިންމު މަގުސަދަކީ މޯލްޑިވިއަން ބްލަޑް ސާވިސްއަށް ރޯދަމަހާ ދިމާކޮށް ލޭ ލިބުމުގައި ކުރިމަތިވާ ދަތިކަމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، މި ފަދަ ހަރަކާތްތަކަކީ ގައުމީ ފެންވަރުގައި ލޭގެ ރައްކާތެރި ސްޓޮކެއް ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ޚާއްސަކޮށް ރޯދަމަހު ލޭ ހަދިޔާކުރާ ފަރާތްތައް މަދުވުމާ ގުޅިގެން މިފަދަ ހަރަކާތްތަކުގެ މުހިންމުކަން އިތުރުވެގެންދެ އެވެ.

