ދ. މީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މީދޫގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށި ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރު އެވެ.
މި މަޝްރޫޢުގެ ދަށުން މީދޫގެ މުހިންމު ޚިދުމަތްތައް ލިބޭ ސަރަހައްދުތަކުގެ މައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރެވޭނެއެވެ. މީގެ ތެރޭގައި ރަށުގެ ސްކޫލް، ސިއްޙީ މަރުކަޒު އަދި ކައުންސިލް އިދާރާ ފަދަ މުހިންމު ތަންތަނާ ގުޅިފައިވާ މަގުތައް ހިމެނެއެވެ. ޖުމްލަ 14 މަގެއް މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރެވޭނެއެވެ.
މީގެއިތުރުން، މި މަޝްރޫޢުގެ ދަށުން މީދޫގައި ހިއްކާފައިވާ ބިމާއި މިހާރު މީހުން ދިރިއުޅޭ ސަރަހައްދާ ދެމެދު ފެންހިންދާ ނިޒާމެއް ޤާއިމްކުރެވޭނެއެވެ. ސަރުކާރުން މަޢުލޫމާތު ދެއްވާގޮތުގައި މި މަޝްރޫޢު ނިމުމުން މީދޫގެ މަގުތަކުގެ ފެންވަރު ރަނގަޅުވެ، ރައްޔިތުންނަށް ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ނިޒާމެއް ޤާއިމްވެގެންދާނެއެވެ.

