މީދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
މި މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، “ސަރުކާރު ހަވާލުވިއިރުވެސް މީދޫ ބަނދަރުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަވާލުކޮށްފައި އޮތްނަމަވެސް، އޭރު ބަނދަރު ހެދުމަށް ހަވާލުކޮށްފައިވަނީ ރައްޔިތުން ބޭނުންވާގޮތަށް ނޫން” ކަމަށެވެ. އަދި މިފަހަރު ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރައްޔިތުން އެދޭގޮތަށް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީދޫއަކީ މަސްވެރިކަން ކުރިއަރާފައިވާ އަދި ގިނަ އަދަދެއްގެ މަސްދޯނިފަހަރު ދުއްވާ ރަށެއްކަން ފާހަގަކުރައްވައި، ރައީސް މުޢިއްޒު ވިދާޅުވީ ބަނދަރު ތަރައްޤީކުރެވޭނީ ދިގު މުއްދަތަކަށް ބޭނުންކުރެވޭނެ ގޮތަށް ކަމަށެވެ. މި މަޝްރޫޢުއަކީ ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށާއި، ދާދި އަވަހަށް މަސައްކަތުގެ ޢަމަލީ މަރުހަލާ ފެށި، ބާރު ދުވެއްޔެއްގައި މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވާފައިވެއެވެ.
މީދޫ ރައްޔިތުންނާއެކު ބޭއްވުނު ބައްދަލުވުމުގައި، ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން، އެ އަތޮޅުގެ ރައްޔިތުން ދަތުރުފަތުރު ކުރާނެ ރަށެއްގެ ގޮތުގައި އުއްދޫ ހަމަޖެއްސުމަށްވެސް ނިންމާފައިވެއެވެ.

