ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނިލަންދެއަތޮޅު ދެކުނުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު އެ އަތޮޅު ރިނބުދޫއަށް ވަޑައިގެންފިއެވެ. މިއީ އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ވަޑައިގެންނެވި 6 ވަނަ މަންޒިލެވެ.
ރައީސުލްޖުމްހޫރިއްޔާ ދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅު ފައްޓަވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ ހަވީރުއެވެ. ރިނބުދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް އެރަށުގެ ރައްޔިތުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ރިނބުދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ފައްޓަވައިދެއްވުމާއި، ރަށު ކައުންސިލް އިދާރާގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. މީގެ އިތުރުން ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މި ދަތުރުފުޅު ކުރައްވަނީ އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލު ބެއްލެވުމަށާއި، މި ހިނގާ ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެފަހަރު ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތަށެވެ. މި ދައުރުގެ ތެރޭގައި މިހާތަނަށް އެމަނިކުފާނު ވަނީ އެންމެ ރަށެއްގެ ކައުންސިލް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކާ ބައްދަލުކުރައްވައި ރަށްރަށުގެ ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރައްވަމުން ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން އެއް ދަތުރުފުޅެވެ. މި ދަތުރުފުޅުތަކުގެ މަޤްޞަދަކީ ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ބައްލަވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ބޭނުންތައް އަޑުއައްސަވައި، ސަރުކާރުގެ ސިޔާސަތުތަކާއި ވަޢުދުތައް ތަންފީޒުކުރެއްވުމަށް މަސައްކަތްކުރެއްވުމެވެ.

