ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ ދ. ރިނބުދޫގައި އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވައިފިއެވެ. މި ޚިދުމަތް އިފްތިތާޙުކުރެއްވީ ރައީސް މިހާރު ދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
އޭޓީއެމްގެ ޚިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން ރައީސް ޑރ. މުޢިއްޒު ވަނީ އެންމެ ފުރަތަމަ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އަދި މި ތާރީޚީ ވަގުތު ފާހަގަކުރުމުގެ ގޮތުން، ރައީސް ވަނީ އެންމެ ފުރަތަމަ ބޭނުންކުރެއްވި ކޭޝް ކާޑު ރިނބުދޫ ކައުންސިލާ ޙަވާލުކުރައްވާފައެވެ.
ސަރުކާރުގެ މުހިންމު އަމާޒެއްގެ ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމެއް ބެހެއްޓުން ހިމެނެއެވެ. މި ގޮތުން، މި އަހަރު ނިމުމުގެ ކުރިން މި އަމާޒަށް ވާޞިލުވެވޭނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

