ދ. ރިނބުދޫގައި ރަންރިހީގެ މަސައްކަތް ދަސްކޮށްދޭ ނިޒާމެއް ގާއިމްކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން މިއަދު ރިނބުދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވިގޮތުގައި، ރިނބުދޫއަށް ބަލާއިރު ކުރަން ޖެހޭ މުހިންމު ކަންތައްތަކެއް އެބަހުރި ކަމަށާއި އެގޮތުން އެންމެ މުހިންމު ކަމަކީ އެ ރަށު ސްކޫލްގެ ދަތިކަމަށް ހައްލު ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން، ހަ ކްލާސްރޫމް ހިމެނޭ ގޮތަށް ކޮމްޕިއުޓާ ލެބާއި ލައިބްރަރީ ފަދަ ތަންތަން ވެސް ހިމެނޭ ގޮތަށް ސްކޫލްގެ އިންފްރާސްޓްރަކްޗާ މަޝްރޫއުގެ އަމަލީ މަސައްކަތް ސަރުކާރުގެ ކުންފުންޏަކާ ހަވާލުކޮށްގެން މެއި މަހުގެ ތެރޭގައި ގޮތުން އެ ރަށުގައި ފައްޓަވައިދެއްވާނެ ކަމަށް ރައީށް ވިދާޅުވިއެވ
ރަންރިހީގެ އަތްތެރިކަމުގެ މަސައްކަތަކީ ރިނބުދޫއަށް ހާއްސަކަމެއް ކަން ފާހަގަކުރައްވާ ރައީސް ޑރ. މުއިއްޒު އިތުރަށް ވިދާޅުވިގޮތުގައި ދިވެހި ގައުމިއްޔަތު އިއާދަކުރުމުގެ މަޝްރޫއުގެ ތެރޭގައި ދިވެހި އައިޑެންޓިޓީ ހިމާޔަތްކުރުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރަށުގައި އެ މަސައްކަތްކުރާ ފަރާތްތައް ކުރިއަށްވުރެ މަދު ވެއްޖެކަމަށާއި އެހެންކަމުން އެ މަސައްކަތް ހިމާޔަތްކުރުމަށް އިސްކަންދޭނެ ކަމެއް ކަމަށެވެ. އެގޮތުން، ރިނބުދޫގައި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ބަލައިގަންނަ ސެޓްފިކެޓް ލިބޭ ގޮތަށް ރަންރިހީގެ މަސައްކަތް ދަސްކޮށްދޭނެ ނިޒާމެއް ގާއިމް ކޮށްދެއްވާނެ ކަމަށާއި އެކަަން ކުރުމުގެ މަސައްކަތްތައް އަވަހަށް ފައްޓަވާނެ ކަމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ.

