އަރިއަތޮޅު ދެކުނުބުރި ދަނގެތީގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ޔަޤީންކުރުމަށްޓަކައި އެރަށުގައި 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރެއް ބަހައްޓައި، އެ ޖަނަރޭޓަރު ބޭނުން ކުރަން ފަށައިފިކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން ބުނީ މިއީ މިއަހަރުގެ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނިން ކުރަމުންދާ ގިނަ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތް ކަމަށެވެ. އަދި އިތުރުވަމުން އަންނަ ކަރަންޓުގެ ޑިމާންޑާ އެއްވަރަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި މި ޖަނަރޭޓަރު ބެހެއްޓުމަށްފަހު ދެވޭ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ ރަމަޟާން މަހު ކަރަންޓުގެ ބޭނުން އިތުރުވާނެކަމަށް ލަފާކުރެވޭ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ. އެއީ ރަމަޟާން މަސް ދިމާވަނީ ހޫނު މޫސުމާއި ސްކޫލް ބަންދު ދުވަސްވަރަކަށް ވުމުންނެވެ. މި ކަމަށް ތައްޔާރުވުމުގެ ގޮތުން ޑިމާންޑަށް ކޭޓަރ ކުރުމަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށްވެސް އެ ކުންފުނިން ވަނީ ބުނެފައެވެ..
މާލެ ސަރަހައްދަށް 13 ޖަނަރޭޓަރު ސެޓް ގެނައުމަށް ނިންމާފައިވާ ކަމަށާއި، އޭގެ ތެރެއިން ބައެއް ޖަނަރޭޓަރު ސެޓްތައް މިހާރު ވަނީ މާލެ ގެނެސްފައިވާ ކަން ފާހަގަކޮށް ސްޓެލްކޯ އިން ބުނީ މި ޖަނަރޭޓަރުތަކާއެކު ކަރަންޓު އުފައްދާ މިންވަރު ގާތްގަނޑަކަށް 20 މެގަވޮޓަށް އިތުރުކުރެވޭނެ ކަމަށެވެ.
ރަމަޟާން މަހާ ދިމާކޮށް ކަރަންޓުގެ ޚިދުމަތް އިތުރަށް ކަށަވަރުކުރުމަށްޓަކައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށަށްވެސް ޖަނަރޭޓަރު ސެޓްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އިތުރުކުރެވޭ ޖަނަރޭޓަރުތަކާއެކު އެއްވެސް ޝޯޓޭޖެއްނެތި ރަމަޟާން މަހު ޑިމާންޑާ އެއްވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ސްޓެލްކޯއިން ވަނީ ޔަގީންކޮށްދީފައެވެ.

