ނ.ހޮޅުދޫގައި ޒަހަމްތަކަކާއި އެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައިގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އަލީ އިހުސާން މިއަދުގެ ވަގުތެއްގައި ހޮޅުދޫ އަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.
ޒަކިއްޔާ މަރުގެ މައްސަލައިގައި ހޮޅުދޫ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވުމަށް ރައްޔިތުންނާއި ގާތުން ބައްދަލު ކުރުމަށް ހޯމް މިނިސްޓަރު އަދި ސީޕީ ވަރަށް އަވަހަށް ހޮޅުދޫ އަށް ޒިޔާރަތް ކުރައްވާނެ ކަމަށް ހޮޅުދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުލް ސައްތާރު މުހައްމަދު ވަނީ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައެވެ.
ޒަކިއްޔާގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ގޮވާލައި ހޮޅުދޫގައި މުޒާހަރާ ކުރަމުންދާއިރު، މި މައްސަލައިގެ ތަހުގީގުގައި މިހާރު އަންނަނީ އެމެރިކާގެ ތަހުގީގީ އިދާރާ، އެފްބީއައިގެ އެހީތެރިކަންވެސް ހޯދަމުންނެވެ. ހަމައެއާއެކު، އެޗްއާރސީއެމްއިންވެސް މި މައްސަލަ ތަހުގީގުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ. އޭނާގެ ކަރުގައި ޒަޚަމްތަކެއް ހުރުމާއި، ކައިރީގައި ވަޅިއެއް އޮތުމުން މި މަރާމެދު ޝައްކުތަކެއް އުފެދުނެވެ. ރަށުގެ ގިނަ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށް ތުހުމަތުކޮށް، އޭނާގެ ގާތިލް މިނިވަންކަމާއެކު އުޅެމުންދާކަމަށް ބުނެ ކަންބޮޑުވުންފާޅުކޮށްފައިވެއެވެ. އެހެންނަމަވެސް، ޒަކިއްޔާ މަރާލިކަމުގެ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ވަނީ ބުނެފައިވެއެވެ.

