ދ. ރިނބިދޫ ކައުންސިލްގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ. މި އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވީ ކައުންސިލްގެ ރައީސް އަހުމަދު އިގްބާލް އާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ.
މި އިމާރާތަކީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ 55 ކައުންސިލް އިދާރާގެ ތެރެއިން އެއް އިމާރާތެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ ހުރިހާ ކައުންސިލް އިދާރާތަކުގެ މަސައްކަތް ކުރިއަށް ގެންދަނީ މެލޭޝިއާގެ ކުންފުނި “ހެކްސްޓާ ގްލޯބަލް” އިންނެވެ.
ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ބާރުވެރިކުރުމަށް ރައީސް ޑރ މުއިއްޒު ދެއްވާ ޚާއްސަ އިސްކަމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ސަބަބުން، ކައުންސިލްތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ބެލެވެއެވެ.
ރައީސް ޑރ މުއިއްޒު ދ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅުގައި އެ އަތޮޅުގެ އެހެން ރަށްތަކަށްވެސް ޒިޔާރަތްކުރައްވައި، ފަށްޓަވައިދެއްވި އާ މަޝްރޫޢުތަކުގެެ ތެރޭގައި ކުޑަހުވަދޫގައި ހުންނަ އަތޮޅު ހޮސްޕިޓަލުގެ 50 އެނދުގެ އާ އިމާރާތާއި، ބަނޑިދޫގައި ގާއިމުކުރާ އައިސް ޕްލާންޓްގެ ބިންގާވެސް ހިމެނެއެވެ.

