ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލީހުން ފާސް ނުވާ ކަމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރު އަލީ އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ ވޯޓު ނެގުމުން އެ ވޯޓު ފާހެއް ނުވިއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެންމެ ފުރަތަމަ ކަމަކަށް އޮތީ ވަޒީރު އިހުސާންގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި ޖަވާބުދާރީވުމެވެ. އޭގެ ފަހުގައި މެންބަރުންގެ މެދުގައި އެ މައްސަލައަށް ބަހުސް ކުރެވުނެވެ.
ބަހުސަށްފަހު ނެގުނު ވޯޓުގައި ވަޒީރު އިހުސާންގެ އިތުބާރު ނެތްކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. އެއީ މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 11 މެންބަރުންނެވެ. އަދި ވަޒީރު އިހުސާންގެ އިތުބާރު ނެތްކަމަށް ފާސް ކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވީ 64 މެންބަރުންނެވެ.
އިދިކޮޅު އެމްޑީޕީގެ 12 މެންބަރަކު ސޮއިކުރައްވައި ވަޒީރު އިހުސާންގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅި އިރު، މި މައްސަލައިގައި މައިގަނޑު ތިން ތުހުމަތެއް ކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބެލެހެއްޓުމަށް ބްލެކްލިސްޓް ކުރެވިފައިވާ މެލޭޝިޔާގެ ބެސްޓިނެޓް ކުންފުންޏާ ހަވާލުކުރި މައްސަލައާއި، ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި، ޖިނާއީ ތަހުގީގުތަކަށް ހުރަސްއެޅި ކަމުގެ ތުހުމަތާއި، ޑީއެންއާރުގެ ޑޭޓާބޭސް ނަހަމަ ގޮތުގައި ބޭނުންކޮށް، ހުއްދަނެތި މީހުންގެ މައުލޫމާތު ނަގައި ޕީއެންސީއަށް ވެއްދި ކަމުގެ ތުހުމަތެވެ.
މި މައްސަލައިގައި ވަޒީރު އިހުސާން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި މަޖިލީހުގައި ވަރަށް ތަފްސީލުކޮށް، އެހާމެ ކެރިހުންނަވައިގެން ވާހަކަ ދައްކަވާފައެވެ.

