މިއަހަރާއި އަންނަ އަހަރަކީ ވަޢުދުފުއްދުމުގެ އަހަރުކަމަށާއި، މި ދެއަހަރުގެ ބަޖެޓަކީ ވަޢުދު ފުއްދުމުގެ ބަޖެޓެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދ. ހުޅުދެލީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ އެންމެ ފަހު މަންޒިލަކަށް ހުޅުދެއްޔަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނަށް މުހިންމީ ރައްޔިތުން ބޭނުންވާ ގޮތް ރައްޔިތުން ގާތު އަހައިގެން އެކަންކަން ފުރިހަމަކޮށްދިނުންކަމަށެވެ.
ރައީސް ވިދާޅުވީ ފާއިތުވި އަހަރަކީ ރިޔާސީ އިންތިޚާބުގައި ވެފައިވާ ވަޢުދުތައް ފުއްދުމުގެ ތައްޔާރީތައް އެކުލަވާލިކުލަވާލި އަހަރުކަމަށާއި، މިހާރު އެކަމުގެ ނަތީޖާއާ ހަމައަށް އާދެވިފައިވާކަމަށެވެ. އެގޮތުން އޭޓީއެމް ޤާއިމްކޮށްދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދ. އަތޮޅަކީ އަތޮޅުގެ ހުރިހާ ރަށެއްގައި ބޭންކިންގެ ޚިދުމަތް ފެށުނު ފުރަތަމަ އަތޮޅުކަމަށެވެ.
ރައީސް ވިދާޅުވީ ރައްޔިތުން ބޭނުންވާ ގިނަ ކަންކަން ފެށޭނެ އަހަރަކަށް މިއަހަރު ވާނެކަމަށެވެ. އެގޮތުން ހުޅުދެލީގެ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކައި ހިމާޔަތްކުރުމުގެ މަޝްރޫޢު މިއަހަރު ކުރިއަށްގެންދާނެކަމަށް ވިދާޅުވިއެވެ. އަދި އެ މަޝްރޫޢު ނިންމެން އޮތް އެންމެ އަވަހަށް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.
މީގެ އިތުރުން ރައީސް ވަނީ ހުޅުދެލީގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރު ޤާއިމު ކުރުމާއި، ސްކޫލަށް ޖާގަ އިތުރުކޮށްދިނުމާއި، ސިއްޙީ މަރުކަޒު ތަރައްޤީކުރުމާއި، އައިސްޕްލާންޓެއް ޤާއިމު ކުރުމާއި، ސްޕޯޓްސް ފިޝިންގެ ބޮއި އެޅުމާއި، ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުން ފަދަ ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޔަޤީންކަން ދެއްވީ އެހެން ރަށްތަކެކޭ އެއްހަމަ އެއްގައި ހުޅުދެލި ތަރައްޤީ ކޮށްދެއްވާނެ ކަމަށެވެ. އަދި މިއަހަރާއި އަންނަ އަހަރަކީ ވަޢުދުތައް ފުއްދާނެ ދެ އަހަރުކަމަށާއި، މި ދެއަހަރުގެ ބަޖެޓަކީ ވަޢުދު ފުއްދާ ބަޖެޓެއްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

