ނިލަންދެއަތޮޅު ދެކުނުބުރީގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މާލެ ވަޑައިގެންފިއެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެން، ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، މުވައްސަސާތަކުގެ ވެރިން އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވި މުހިންމު ނިންމެވުންތަކުގެ ތެރޭގައި:
- ދ. ކުޑަހުވަދޫ ވިޔަފާރި ބަނދަރު އޮޕަރޭޝަނަލް ވިޔަފާރި ބަނދަރެއްގެ ގޮތުގައި ހެއްދެވުން
- ދ. މާއެނބޫދޫގައި ބިންހިއްކުމާއި ކުޅިވަރުގެ ވަޞީލަތްތައް ޤާއިމުކުރުން
- ދ. ބަނޑިދޫ ބަނދަރުގެ ބޭރު ތޮށި ބަދަލުކުރުމުގެ މަސައްކަތާއި ބިންހިއްކުމުގެ މަސައްކަތް އަންނަ އަހަރު ފެއްޓެވުން
- ދ. އުއްދޫ އަތޮޅުގެ ޢާންމު ރައްޔިތުންނަށް ދަތުރުގޮސް އުޅެވޭ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުން
- ދ. ހުޅުދެލީގެ ބިންހިއްކުމުގެ މަސައްކަތް ޖުލައި މަހު ފެއްޓެވުން
މީގެ އިތުރުން:
- ގިނަ ރަށްތަކެއްގައި އޭ.ޓީ.އެމްގެ ޚިދުމަތް ފައްޓަވައިދެއްވުން
- ހުއްޓިފައި ހުރި ހުރިހާ މަޝްރޫޢެއް ފެބްރުއަރީ މަހާއި މާރިޗު މަހު އަލުން ފެއްޓެވުން
- ހައުސިން ޔުނިޓު މަޝްރޫޢުގައި އަމިއްލަ ގެދޮރުގައި ހައުސިން ޔުނިޓު އެޅުމުގެ ފުރުޞަތު ހުޅުވާލެއްވުން
- 4000 ފްލެޓް ލިސްޓުގެ މައްސަލަ ހައްލުކުރައްވައި، މި ހަފުތާ ތެރޭ އިޢުލާންކުރެއްވުން
- ގުޅީފަޅުގެ ހިއްކި ސަރަޙައްދުން ގޯތި ކަނޑައަޅުއްވައި ކުރިއަށް އޮތް ދެތިން މަސްދުވަސް ތެރޭގައި ރަޖިސްޓްރީ ހަވާލުކުރެއްވުން
- ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތުގެ ދުވެލި އަވަސްކުރެއްވުން
- އުތުރު ތިލަފަޅުން ގެދޮރުވެރިކަމަށް 125 ހެކްޓަރ ހިއްކެވުން
- އެމް.އެފް.ޑީ.އޭގެ އެސެންޝަލް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް މާރިޗު 15 އިން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އެޕްރިލް 15 އިން ފެށިގެން އެސް.ޓީ.އޯ ބޭސްފިހާރަތަކުން ލިބޭނެކަން އިޢުލާންކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރަމަޟާންމަހަށް ދަތުރުތައް މެދުކަނޑާލެއްވުމަށްފަހު، އަނެއްކާވެސް ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ކުރައްވާ ދަތުރުފުޅުތައް ފައްޓަވާނެ ކަމަށެވެ.

