ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް މަދުކުރުމަށް ހުށަހަޅާފައިވާ ކޯޓުތަކާބެހޭ ގާނޫނުގެ އިސްލާހުގެ ބިލު، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން މިއަދު ވަނީ ފާސްކޮށްފައެވެ.
މި ބިލަކީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު އަމިއްލަ ގޮތުން ހުށަހެޅުއްވި ބިލެކެވެ. ބިލު ހުށަހެޅުއްވި ސަބަބުގެ ގޮތުގައި މެންބަރު ފާހަގަކުރައްވާފައިވަނީ، ކުރީގެ ޚާއްސަ މަޖިލީހުގައި ކުރެވުނު ބަހުސްތަކުގައިވެސް ފާހަގަކުރެވުނު ފަދައިން، ޤާނޫނު އަސާސީން ދިވެހިން ކުރާ އެންމެ ފޮނި އުންމީދަކީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެގެން އައުން ކަމުގައި ދެކޭތީ ކަމަށެވެ.
މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ނިންމާލުމަށްފަހު، މަޖިލީހުން ބިލު ބަލައިގަތުމަށް ނެގުނު ވޯޓުގައި 64 މެންބަރުން ވަނީ ބިލު ބަލައިގަތުމަށް ތާއީދުކުރައްވާފައެވެ. އަދި 12 މެންބަރުން ވަނީ ބިލު ބަލައިނުގަތުމަށް ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ ތަޅުމުން ބިލު ބަލައިގަތުމަށްފަހު، އެ ބިލު ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުވުމުން، މިއަދު ބޭއްވުނު ކޮމިޓީގެ ބައްދަލުވުމުގައި މެންބަރުންގެ އަޣުލަބިއްޔަތުން ވަނީ އެއްވެސް ބަދަލެއް ނުގެނެސް ބިލު ފާސްކޮށްފައެވެ.
މި ބިލު ފާސްވެ ޤާނޫނަކަށް ވެއްޖެނަމަ، މިހާރު ސުޕްރީމް ކޯޓުގައި ތިއްބަވާ 7 ފަނޑިޔާރުންގެ އަދަދު 5 އަށް މަދުވެގެންދާނެއެވެ

