ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލިސް ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ)ގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު އަނީސް އެ މަގާމުން ސަސްޕެންޑު ކޮށްފައިވާތީ ޕޮލްކޯގެ ހިންގުން އެ ކުންފުނީގެ ސެކްރެޓަރީ އިބްރާހީމް ހަލީލްއާ ހަވާލުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އަނީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ޕޮލްކޯގެ ބޯޑަށް ހުށަހަޅާފައިވާތީ، އެ މައްސަލައާ މެދު ގޮތެއް ނިމެންދެން ސީއީއޯގެ މަގާމުގެ ޒިންމާތަކުން އޭނާ އެކަހެރި ކުރުމަށް އާދިއްތަ ދުވަހު ބޭއްވި ޕޮލްކޯގެ ބޯޑް ބައްދަލުވުމުގައި ނިންމައިފައިވާ ކަމަށެވެ. އަދި އެ ބޯޑު ބައްދަލުވުމުގައި ވަނީ ޕޮލްކޯގެ ދުވަހުން ދުވަހަށް ހިންގައި ބެލެހެއްޓުމުގެ ޒިންމާ އެ ކުންފުނީގެ ސެކްރެޓަރީ އިބްރާހިމް ހަލީލްއާ ހަވާލުކުރައްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އިބްރާހިމް ހަލީލްއަކީ 2020 ޖުލައިން ފެށިގެން ޕޮލްކޯގެ ސެކްރެޓަރީގެ މަގާމު އަދާކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިން ޕްރޮޖެކްޓާ ގުޅިގެން ކުރެވޭ ކޮރަޕްޝަން ތުހުމަތުތަކާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ވަނީ ދެ ފަހަރެއްގެ މަތިން އިސްކަންދަރު ކޮށީގައި ހުންނަ ޕޮލްކޯގެ އޮފީސް ބަލައި ފާސްކޮށްފައެވެ. އެންމެ ފުރަތަމަ އޭސީސީން، ޕޮލްކޯގެ އޮފީހަށް ވަދެ އެތަން ބަލައިފާސްކޮށްފައިވަނީ މިމަހުގެ ތިންވަނަ ދުވަހުގައެވެ. އެފަހުން އޭސީސީން ވަނީ މިމަހުގެ 19 ވަނަ ދުވަހުވެސް ޕޮލްކޯގެ އޮފީހަށް ވަދެ ބަލައިފާސްކޮށްފައެވެ.
މިދިޔަ މަހުގެ 24 ވަނަ ދުވަހު އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ހާއްސަ އޮޑިޓް ރިޕޯޓުގައި ބްލޫސް ހައުސިން ޕްރޮޖެކްޓްގެ ދަށުން 300 ހައުސިން ޔުނިޓު ހެދުމަށް ޕޮލްކޯއިން ކޮރަޕްޝަންގެ ގެ ގިނަ އަމަލުތަކެއް ހިންގާފައިވާކަން ފާހަގަކޮށްފައިވެއެވެ. މި މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށާއި، އެއީ އާންމުކޮށް މިފަދަ މަޝްރޫއުތަކަށް ހިނގާނެ ކަމަށް ބެލެވޭ އަގަށްވުރެ 354.7 މިލިއަން ރުފިޔާ އިތުރު އަދަދެއްކަން އޮޑިޓް ރިޕޯޓުން ދައްކައެވެ.

