ވަކިން އޮންނަ އަތޮޅުތަކުގެ ތެރެއިން ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރެވުނު ފުރަތަމަ އަތޮޅަކީ ދ.އަތޮޅު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިކަން ފާހަގަކުރެއްވީ ދ.ހުޅުދެލީގައި އައު އޭޓީއެމް ޚިދުމަތް ފެށުމާ ގުޅިގެންނެވެ.
ހުޅުދެލީގައި އައު އޭޓީއެމް ޚިދުމަތް ފެށުމާއެކު، އަތޮޅުގެ ހުރިހާ ރަށެއްގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ޤާއިމްކުރެވިފައިވާކަން ފާހަގަކުރެއްވި ރައީސް މުއިއްޒު، މި މަޝްރޫޢުގައި ބޭންކް އޮފް މޯލްޑިވްސްއިން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދީފައިވާކަން ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅުގެ 5 ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ވަނީ ފައްޓަވައިދެއްވާފައެވެ. މި ޚިދުމަތް ފެށިފައިވަނީ ދ. މާއެނބޫދޫ، ބަނޑިދޫ، މީދޫ، ރިނބުދޫ އަދި ހުޅުދެލީގައެވެ.
މި ރަށްތަކުގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމާއެކު، މީހުން ދިރިއުޅޭ 6 ރަށް ހިމެނޭ ދ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު އޭޓީއެމްގެ ޚިދުމަތް ވަނީ ލިބެން ފަށާފައެވެ. މީގެ ކުރިން އެ އަތޮޅުގައި އޭޓީއެމްގެ ޚިދުމަތް ލިބެމުން ދިޔައީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ކުޑަހުވަދޫއިން އެކަންޏެވެ.
ދ. އަތޮޅުގައި އަލަށް ޤާއިމްކޮށްފައިވާ 5 އޭޓީއެމްއާ އެކު ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތްދޭ ރަށްތަކުގެ އަދަދު މިހާރު ވަނީ 157 އަށް އިތުރުވެފައެވެ. އަދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަހަރު ނިމުމުގެ ކުރިން އޭޓީއެމްތައް ބެހެއްޓުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
ބޭންކް އޮފް މޯލްޑިވްސްއިން މިހާރު ދަނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގައެއްގެ ދަށުން 20 އަތޮޅުގައި 39 ބްރާންޗް، 100 ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، 157 އޭޓީއެމް، އޭޖެންޓު ބޭންކިންގ ޚިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ..
ސަރުކާރުގެ އަމާޒަކީ 2025 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްއެއް ބެހެއްޓުން ކަމަށް ރައީސް މުއިއްޒު ހާމަކުރެއްވިއެވެ. މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ވައުދެއް ކަމަށްވެސް ފާހަގަކުރެއްވިއެވެ.
2025 އަކީ ރައީސް މުއިއްޒުގެ ވައުދުތަކަށް ޢަމަލީ ސިފަ ގެނައުމުގެ މޫސުން ކަމަށް ވިދާޅުވެ، ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.

