ނ. ހޮޅުދޫގައި މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު މަރުވެފައި އޮއްވާ ފެނުނު ނ.ހޮޅުދޫ، މާރަނގަ، ޒަކިއްޔާ މޫސާގެ ނިޔާވެފައިވަނީ އާދައިގެ ގޮތަކަށް ނޫން ކަމަށާއި، މި މަރުވެފައި އޮތް ގޮތް އެއީ އާދައިގެ ގޮތަކަށް މަރުވެފައި އޮތް ކަމަށް ގަބޫލު ނުކުރެވޭތީ، އޭގެ ހަގީގަތް ހޯދުމަށްޓަކައި ކުރާ މަސައްކަތުން، މި މަސައްކަތަށް ވަގުތު މި ނަގަނީ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.
ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ޒަކިއްޔާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ. ޒަކިއްޔާގެ މަރުގެ މައްސަލައިގައި އެރަށު ރައްޔިތުންގެ އޭނާއަށް އިންސާފު ހޯދައިދިނުމަށް އެރަށުގައި މުޒާހަރާތަކެއް ކުރަމުންދާއިރު، މި މަރުގެ މައްސަލައިގައި ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު އަލީ އިހުސާނާއި ސީޕީ ޝުޖާއުވަނީ އިއްޔެ ހޮޅުދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
ރޭގައި އެރަށު ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ޝުޖާއު ވިދާޅުވީ މި މައްސަލައަަށް މިހާރު ހަތް މަސް ވާން ކައިރިވެފައިވާއިރު މައްސަލައިގައި ނަފްސާނީ އިލްމުވެރިންނާއި، ދާއިރާގެ އެހެނިހެން ތަޖުރިބާކާރުންނާއެކުވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، ޒަކިއްޔާގެ މަރު އޮތް ގޮތް އެއީ އާދައިގެ މަަރެއްކަމަށް ގަބޫލު ނުކުރެވޭތީ، އޭގެ ހަގީގަތް ހޯދުމަށްޓަކައި ކުރާ މަސައްކަތަް، ވަގުތު ނަގާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.
ޒަކިއްޔާ އަކީ ޑިޕްރެޝަނަށް ފަރުވާ ހޯދަމުންދިޔަ މީހަކަށް ވާތީ ފުރަތަމަ އޭނާ މަރުވީ އަމިއްލައަށް ކަމަށް ހީކުރެވުނު ނަމަވެސް، ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ތަހުގީގެއް ކުރިއަށް ގެންދިޔައެެވެ.
އެހެންނަމަވެސް، އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލަ ތަހުގީގުކުރުމަށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ އެހީތެރިކަން ހޯދުމުގެ އިތުރުން އެޗްއާރްސީއެމްއިންވެސް ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

