ދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޒަހަމްތަކަކާއެކު ނ.ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު އެރަށު މާރަނގަ، ޒަކިއްޔާ މޫސާގެ މަރުގެ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ދެ ކުއްލި މައްސަލަވެސް ބަލައިގަތުމަށް ރިޔާސަތުން ދެކޮޅު ހަދައިފިއެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 2 ކުއްލި މައްސަލާގައިވެސް ކުއްލި މައްސަލައެއްގައި ހަމަވާން ޖެހޭ ޝަރުތު ހަމަނުވާ ކަމަށާއި އެހެންކަމުން ދެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެގޮތުން، ކުއްލި މައްސަލައެއް ބަަލައިގަތުމަށް އެ މައްސަލަ ހިނގާފައިވަނީ ކުއްލިއަކަށް ނުވަތަ މިދިޔަ ހަތް ދުވަހުގެ ތެރޭގައި ހިނގާފައިވާން ޖެހެއެވެ.

ޒަހަމްތަކަކާއެކު ނ.ހޮޅުދޫގައި މަރުވެފައި އޮއްވައި ފެނުނު އެރަށު މާރަނގަ، ޒަކިއްޔާ މޫސާ
ޒަކިއްޔާގެ މަރުގެ މައްސަލައާ ގުޅިގެން ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް އާއި ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލްއެވެ.
އެ ކުއްލި މައްސަލާގައި ޒަކިއްޔާގެ މަރަށް 7 މަސްވީ އިރު ވެސް އެ މައްސަލައާއި ގުޅިގެން އެކަށީގެންވާ ތަހުގީގެއް ނުކުރާ ކަމަށްވެއެވެ.
ޒަކިއްޔާ އަށް އިންސާފު ހޯދައިދިނުމަށް ހޮޅުދޫ ރައްޔިތުން އަންނަނީ ސިލްސިލާކޮށް މުޒާހަރާކޮށް. ކަންބޮޑުވުންފާޅުކުރަމުންނެވެ. އެހެންކަމުން، މި މައްސަލަ އިތުރަށް ތަހުގީގުކުރުމަށް ދާހިލީ ސަލާމަތާ ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން އާއި ސީޕީ ޝުޖާއު ވަނީ އިއްޔެގެ ވަގުތެއްގައި ހޮޅުދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ.
އުމުރުން 50 އަހަރުގެ ޒަކިއްޔާގެ ބޮޑެތި ޒަހަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅުނު ގޭގެ ބަދިގެ ފަރާތުގައި ހުންނަ ގުދަނެއްގެ ކައިރިން ސެޕްޓެމްބަރު 10 ވަނަ ދުވަހުގެ ހެނދުނު 10:00 ހާއިރުއެވެ. ރަށުގެ ގިނަ ބަޔަކު ޒަކިއްޔާ މަރާލީ ކަމަށް ތުހުމަތުކުރާއިރު، އެފަދަ ހެއްކެއް އަދި ނުލިބޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައިވެއެވެ. އެހެންނަމަވެސް، މި މަރަކީ އާދައިގެ މަރެއް ނޫންކަމަށް ސީޕީ ޝުޖާއުވެސް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި ތަހުގީގަށް އެމެރިކާގެ ތަހުގީގީ އިދާރާ އެފްބީއައިގެ އެހީތެރިކަން ހޯދަން ވަނީ ފަށައިފައެވެ.

