ރަމަޟާން މަހާ ގުޅިގެން ފެރީ އަދި ބަސް ދަތުރުތަކުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގްރޭޓަރ މާލޭ ސަރަޙައްދުގައި މާލެއިން ހުޅުމާލެ ފިޔަވަހި 1 އަދި 2 އަށް ކުރާ ބަސް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ. އަދި ރޯދަ ވީއްލާ ގަޑިއަށް ދަތުރުތައް މެދުކަނޑާލުމަށްފަހު، ރޭގަނޑު 7:20 ގައި އަލުން ފަށައި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭ ތެރޭގައި ފޯރުކޮށްދޭ ބަހުގެ ޚިދުމަތްތަކަށް ބަލާއިރު، އޯކިޑް، އަމީނީ އަދި ސޯސަން ރޫޓުގެ ދަތުރުތައް ހެނދުނު 7:00 ގައި ފެށި، އިރުއޮއްސޭ 6:00 އަށް މެދުކަނޑާލުމަށްފަހު، ރޭގަނޑު 9:00 ގައި އަލުން ފަށައި، ރޭގަނޑު 12:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.
އަތޮޅުތެރޭގަ ފޯރުކޮށްދޭ ފެރީ ޚިދުމަތަށް ބަލާލާއިރު 20 އަތޮޅެއްގައި، 6 ޒޯނަކަށް ބަހާލައިގެން 68 ރޫޓުން ދަތުރުތައް އެމްޓީސީސީއިން ހިދުމަތް ދެމުން ދާއިރު ފެރީ ޙިދުމަތަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށާއި މުދާ އުފުލުމަށް ބޭނުންކުރާ ޚިދުމަތަކަށް ވާތީ، ވީހާވެސް ބޮޑަށް ރައްޔިތުންނަށް ލުއިފަސޭހަ ވާނޭގޮތަށް ރަމަޟާން މަހުގެ ދަތުރުތައް ރާވާލެވިފައިވާ ކަމަށް އެމްޓީސީސީން ބުނެއެވެ.
މިގޮތުން، ރަމަޟާން މަހާއި ގުޅިގެން އާރްޓީއެލް ފެރީ ދަތުރުތަކަށް ގެނެސްފައިވާ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ކޮންމެ ރޫޓެއްގެވެސް އެންމެ ފަހު ދަތުރު އިރުއޮއްސުމުގެ ކުރިއަށް ނިމޭ ގޮތަށް ތަވާލުކުރުން ހިމެނޭ ކަމަށާއި މީގެ އިތުރުން، ރަމަޟާން މަހުގެ ހުކުރު ދުވަހު އާރްޓީއެލް ފެރީ ދަތުރުތައް ތާވަލުކޮށްފައި ނުވާނެކަންވެސް އެކުންފުނިން ހާމަކުރެއެވެ.
އަދި އެމްޓީސީސީ ވެބްސައިޓް https://mtcc.mv/schedules-2/މެދުވެރިކޮށް ރަމަޟާން މަހުގައި ފެރީ އަދި ބަސް ދަތުރުތަކުގެ ތަވާލަށް އައިސްފައިވާ ބަދަލުތައް ބަލައިލެވެން ހުންނާނެ ކަމަށްވެސް ބަޔާނުގައިވެއެވެ. މީގެ އިތުރުންވެސް އިތުރު މަޢުލޫމާތު ހޯދުމަށް އެމްޓީސީސީގެ ހޮޓްލައިން 1650 އަށް ގުޅުއްވުމަށް ނުވަތަ އަށް އީމެއިލް ކުރެއްވުމަށް އެމްޓީސީސީން ވަނީ އެދިފައެވެ.

