މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ހުޅުމާލޭ ފޭސް-2 ގައި ގާއިމުކޮށްފައިވާ “އޮޅު ހިޔާ” މިއަދު ވަނީ މާލެ ސިޓީ ކައުންސިލުން ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފައެވެ.
މި ސަރުކާރުގެ “ހަފްތާ 14” ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި ފެސިލިޓީ ރަސްމީކޮށް ހުޅުވާފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހުއެވެ. ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު މުހައްމަދު ވިދާޅުވެފައިވަނީ “މިއީ އަޅުގަނޑު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުރި ދުވަސްވަރުން ފެށިގެން ހިންގުމަށް މަސައްކަތްކުރި މަޝްރޫއެއް، ނަމަވެސް އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން މަޝްރޫއު ކުރިއަށް ނުގެންދެވުނީ” ކަމަށެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، އޮޅުހިޔާ ފެސިލިޓީގެ ރަސްމީ ހުރިހާ ލިޔެކިއުންތަކާއި ލީގަލް އެސެޓްސް ޓްރާންސްފަރ ގެ މަސައްކަތް ނިމުމަށްފަހު މިއަދު ވަނީ އެ ވުޒާރާއާ ހަވާލުކޮށްފައެވެ. މި ނިންމުމަކީ މާލެ ސިޓީކައުންސިލްގެ 4 ވަނަ ދައުރުގެ، 174 ވަނަ ޢާއްމު ޖަލްސާގެ އިއްތިފާގުން ޑިސެމްބަރު 6 ވަނަ ދުވަހު ނިންމާފައިވާ ނިންމުމެކެވެ.
“އޮޅު ހިޔާ” އަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ސަރުކާރުގެ އިސްނެގުމުގެ މަތިން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ.

