އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފުރަތަމަ ފަހަރަށް ބޭއްވި ނޫރުލް އަޛާން މުބާރާތުގެ ފަޚުރުވެރި އެއްވަނަ ސުލައިމް މުޙައްމަދު ލަޠީފް ހާސިލްކޮށްފިއެވެ.
މިރޭ ބޭއްވުނު މުބާރާތުގެ ފައިނަލް ރައުންޑްގައި ވާދަކުރި 6 ބައިވެރިންނަށް ހަވާލުކުރެވުނު މަސައްކަތަކީ ޙިޖާޒް ރާގަށް ބަންގިއާއި ޤަމަތް ދިނުމެވެ.
މުބާރާތުގެ އެއްވަނަ ހާސިލްކުރި ސުލައިމް މުޙައްމަދު ލަޠީފަށް 75 އިންޗީގެ ޓީވީއަކާއި، ދިގުފަރު އައިލެންޑް ރިޒޯޓުގެ ސްޓޭއަކާއި، އެސްޓީއޯގެ ހާއްސަ އިނާމެއް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވަނީ ހަވާލުކޮށްދެއްވާފައެވެ.
މުބާރާތުގެ ދެވަނައަށް ޙަމްޒާ ބިން ހަސަން އަދި ތިންވަނައަށް މުޙައްމަދު ހަނޫން ހުސައިން ހޮވިގެންދިޔައެވެ. ހަތަރުވަނަ ހަނީޒް ހަނީފްއަށް ލިބުނުއިރު، ފަސްވަނަ އިސްމާޢިލް އިފްރާޙް އިބްރާހިމް އަލީއަށާއި ހަވަނަ މާޠިޢު އަޙްމަދު ނާޒިމްއަށް ލިބުނެވެ. މި ހުރިހާ ބައިވެރިންނަށްވެސް ޓްރޮފީއާއި ހަނދާނީ ލިޔުމާއި ޙާއްސަ އިނާމުތަކެއް ވަނީ ދެވިފައެވެ.
މި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ރީތި ރާގުތަކަށް ޞައްޙަ މަގުން ހުނަރުވެރިކަމާއެކު ބަންގިދޭ ޒުވާނުންތަކެއް އުފެއްދުމާއި، ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތު ވަރުގަދަކުރުމެވެ. އަދި މި ފަންނުގެ ރޫޙު އާލާކޮށް، ދިރުވައި، ކުރިއެރުވުމެވެ.
މުބާރާތުން ވަނަތަކަށް އައި ބައިވެރިންނަށް 1446 ވަނަ އަހަރުގެ ރަމަޟާން މަހު މާލޭގެ ބޮޑެތި މިސްކިތްތަކުގައި ހުކުރު ނަމާދުގެ ބަންގި ގޮވުމުގެ ފުރުސަތު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

