މިއަހަރުގެ ރަމަޟާން މަހުގެ ހަނދު ފުރަތަމަ ފެންނާނެ ކަމަށް ބެލެވެނީ ޕެސިފިކް ސަރަޙައްދާއި، އުތުރު އަދި ދެކުނު އެމެރިކާގެ ބައެއް ސަރަޙައްދުތަކަށް ކަމަށް ނޯޓިކަލް އަލްމަނަކް އޮފީހުން ހާމަކޮށްފިއެވެ.
އެ އޮފީހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އައު ހަނދު ފެށޭނީ ފެބްރުވަރީ 28 ވަނަ ދުވަހުގެ ފަތިހު 3:45 ގައެވެ. ނަމަވެސް މެދުއިރުމަތި، ވިލާތް އަދި ދެކުނު އޭޝިޔާގެ ސަރަޙައްދުތަކަށް އެދުވަހު އެއްވެސް އާލާތަކުން ހަނދު ފެންނާނެކަމަށް ނުބެލެވެއެވެ.
މައްކާގައި ރަމަޟާން މަހުގެ ހަނދު ފެންނާނެ ކަމަށް ބެލެވެނީ މާރިޗު 1 ނުވަތަ 2 ވަނަ ދުވަހުއެވެ. ފެބްރުވަރީ 28 ވަނަ ދުވަހު އިރުއޮއްސުމުން ހަނދު ފެނިއްޖެނަމަ ރޯދަ ފެށޭނީ މާރިޗު 1 ގައެވެ. އަދި ނުފެނިއްޖެނަމަ މާރިޗު 2 ގައެވެ.
ސަޢުދީ ޢަރަބިއްޔާގައި ރަމަޟާން މަސް ފެށިއްޖެކަން ރަސްމީކޮށް އިޢުލާންކުރާނީ އެ ޤައުމުގެ އެންމެ މަތީ ކޯޓުންނެވެ. އަދި މާރިޗު 1 ވަނަ ދުވަހު އުޑު ސާފުނަމަ، ދުނިޔޭގެ ގިނަ ސަރަޙައްދުތަކަށް ހަނދު ލޮލަށް ފެންނާނެ ކަމަށް ވަނީ ލަފާކުރެވިފައެވެ.
މިހެންވުމުގެ ސަބަބުން ގިނަ އިސްލާމީ ޤައުމުތަކުގައި ރޯދަ ފެށޭނެ ކަމަށް ބެލެވެނީ މާރިޗު 2 ވަނަ ދުވަހުއެވެ. ރަމަޟާން މަސް ފެށުނު ކަމަށް ކަނޑައަޅަނީ އައު ހަނދު ފެނުމުން ކަމަށާއި، އެކަން ކަށަވަރު ކުރަނީ ހަނދު ބަލާ މީހުންގެ ހެކިބަހުންނެވެ.

