ރަމަޟާން މަހުގެ ކަރަންޓު ބިލުގެ ޑިސްކައުންޓް ހިމެނޭގޮތަށް ފުރަތަމަ ރީޑިން ނެގުމުގެ ޕްރޮގްރާމް ސްޓެލްކޯއިން ފަށައފިއެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
މި ޕްރޮގްރާމަކީ މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލުން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން ކުރިއަށްގެންދާ ޙަރަކާތެކެވެ. ގްރޭޓަރ މާލެ ސަރަޙައްދުގައި ރީޑިންގ ނެގުމުގެ މަސައްކަތުގައި ސްޓެލްކޯގެ އެކި މަޤާމުތަކުގައި މަސައްކަތްކުރާ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވަމުންދާ ކަމަށް ސްޓެލްކޯއިން މަޢުލޫމާތު ދެއެވެ.

350 މުވައްޒަފުންނާއި އެކު ރޯދަމަހަށް ރީޑިން ނެގުމުގެ ޕްރޮގްރާމް – ފޮޓޯ:ސްޓެލްކޯ
ކަރަންޓު ބިލުން ޑިސްކައުންޓު ދިނުމުގައި ބަލާނީ މިދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކަރަންޓު ބޭނުންކޮށްފައިވާ މިންވަރަށް ކަމަށާއި، ޑިސްކައުންޓު ދޭނީ އިތުރުވާ އަދަދަށް ބަލައިގެން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން ހުރިހާ ގޭބީސީއަކަށް ވެސް އެންމެ މަދުވެގެން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ރީޑިންގ ނެގުމުގެ މަސައްކަތުގައި ހުރިހާ ރައްޔިތުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގޭގައި ގިނަވަގުތު ނޫޅޭ ފަރާތްތަކުން ވެސް ގޭގައި އުޅޭނެ ވަގުތު ސްޓެލްކޯއަށް އަންގާލުމުން، އެ ވަގުތުގައި ރީޑިން ނަގަން ދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ އަންގާފައެވެ.

