އިންޑިއާގެ ނިއު ދިއްލީގައި ބޭއްވުނު 3 ވަނަ "ސާބާ އަންހެން ބާސްކެޓް ބޯޅަ" މުބާރާތުން ދިވެހިރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް ރައީސުލްޖުމްހޫރިއްޔާ މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރައީސް ޑރ މުއިއްޒު، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ ސަރަޙައްދީ މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެއާއި އިންޑިއާ ވާދަކުރި މެޗުގައި، ދިވެހި ޤައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދަންނަވާ ކަމަށެވެ.
އިންޑިޔާ އާއި ނޭޕާލާއި ރާއްޖެ ވާދަކުރި މި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލު ބަލިކުރުމަށްފަހުގައެވެ. ރޭ ކުޅުނު ފައިނަލް މެޗުގައި އިންޑިޔާ އިން ރާއްޖޭގެ މައްޗަށް ކުރި ހޯދީ 107-32 ޕޮއިންޓުންނެވެ.
މުޅި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 7 ޕޮއިންޓް ހޯދި ރައިފާ އިބްރާހީމެވެ. އަދި 6 ޕޮއިންޓް ހޯދި އާމިނަތު ޝިއުރާ އަބްދުލް ބާރީ އާއި އީހައު ޝަމީމް ވެސް ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައިވެއެވެ.
އިންޑިޔާގެ ފަރާތުން އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 20 ޕޮއިންޓް ހޯދި ދަރުޝީނީއެވެ. މި ފަހަރުގެ މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން ސްރީލަންކާ އިން ބައިވެރިއެއް ނުވެއެވެ. އެ ޓީމުން ފަހު ވަގުތު މުބާރާތުން ތަނާޒުލުވުމާ ގުޅިގެން ވަނީ ފިޔަވަޅު އަޅާފައެވެ.
މިއީ ދިވެހިރާއްޖޭގެ އަންހެން ބާސްކެޓްބޯޅަ ޓީމަކުން ސާބާ މުބާރާތަކުން މެޑަލެއް ހޯދި ފުރަތަމަ ފަހަރު ކަމަށްވާތީ، މިއީ ދިވެހި ކުޅިވަރުގެ ތާރީޚުގައި ފާހަގަކޮށްލެވޭ މުހިންމު ކާމިޔާބީއެކެވެ.

