ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބޭ ފަރާތްތަކުގެ ލިސްޓު މިއަދު ސަރުކާރުން ވަނީ އާންމުކޮށްފައެވެ. މި ލިސްޓުގައި ހިމެނެނީ ޖުމްލަ 1820 މީހުންނެވެ.
ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. މުއްޠަލިބު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވި ގޮތުގައި 2 ކޮޓަރީގެ ފްލެޓު ލިބޭ ފަރާތްތަކުން މަހަކު 7 ހާސް ރުފިޔާ ދައްކަންޖެހޭނެއެވެ. އަދި 3 ކޮޓަރީގެ ފްލެޓު ލިބޭ ފަރާތްތަކުން މަހަކު 9 ހާސް ރުފިޔާ ދައްކަންޖެހޭނެއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި މި ލިސްޓު އެކުލަވާލުމުގައި އެންމެ އިސްކަންދީފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަހުގީގަށް ރިޔާއަތްކޮށް 15 ނޮވެމްބަރު 2023ގައި ގެޒެޓުކުރި ލިސްޓު ވެރިފައިކުރުމަށެވެ. މި ވެރިފިކޭޝަން ކުރިއަށްގެންދިޔައީ 26 ޖޫން 2022ގައި ޢާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާފައިވާ އިރުޝާދުތަކަށް މައިގަނޑުގޮތެއްގައި ބަލައިގެންނެވެ.
ވެރިފިކޭޝަން މަރުހަލާއަށްފަހު ނަތީޖާއަށް ބަލާއިރު 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނަށެވެ. އަދި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބިފައިވަނީ 397 މީހުންނަށެވެ.
ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ފްލެޓު ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޓީ ނުވަތަ އީމެއިލުން އެ ވުޒާރާއަށް ހުށައެޅޭނެއެވެ. އަދި ވެރިފިކޭޝަން މަރުހަލާ ކުރިއަށްދިޔައީ ޕޯޓަލްގެތެރެއިންކަމަށްވާއިރު ޕޯޓަލްއިން ހުށައަޅާފައިވާ އެއްވެސް ފޯމަކަށް އަދި ލިޔެކިިޔުމަކަށްވެސް ބަދަލުގެނައުމުގެ ފުރުޞަތު އެއްވެސް މީހަކަށް ލިބިފައިނުވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

