ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު މިއަދު އާންމުކޮށް، އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ސަރުކާރުން ދީފިއެވެ.
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، 15 ނޮވެންބަރު 2023 ގައި އާންމުކުރި 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓު ސައްހަކުރުމުގެ މަސައްކަތް ނިމި، އަލުން އެކުލަވާލި ލިސްޓު މިހާރު ވަނީ އާންމުކޮށްފައެވެ.
މި ލިސްޓު ސައްހަކުރުމުގައި ބަލާފައިވަނީ މާލޭގައި މެދުނުކެނޑި 15 އަހަރު ދިރިއުޅުނުކަމާއި، ފޯމު ހުށަހެޅި ފަރާތްތަކުން ފޯމުގައި ދީފައިވާ މައުލޫމާތުތަކަށް ބަލައި ދީފައިވާ ޕޮއިންޓަށެވެ. އަދި އެންޓި-ކޮރަޕްޝަން ކޮމިޝަނުން ކުރިއަށް ގެންދިޔަ ތަހުގީގަށްފަހު ރަނގަޅު ކުރުމަށް އަންގާފައިވާ ކަންކަމަށްވެސް ރިއާޔަތްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުއްތަލިބު އަދަމް ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓު ވެރިފިކޭޝަންގައި ބަލާފައިވާނީ އެމީހަކު ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ސަރުކާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތުތަކަށެވެ.
"ފްލެޓް ނުލިބޭ ފަރާތްތައް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތްތަކަށް ޕޯޓަލް އިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާމެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލް އަކުން ޝަކުވާ ހުށަހެޅޭނެ." މުއްތަލިބު ވިދާޅުވިއެވެ.
އާ ލިސްޓަށް ބަލާއިރު ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓަށްވުރެ މަތިން 1،423 ފަރާތަކަށް ވަނީ ޕޮއިންޓު ލިބިފައެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށްވުރެ މަތިން ލިބިފައިވަނީ 397 ފަރާތަކަށެވެ. އެހެންކަމުން ޖުމްލަ 1،820 ފަރާތަކަށް ފްލެޓް ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 އިން ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުޞަތު ދީފައިވެއެވެ. ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިރު، ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއްނަމަ މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ނުވަތަ ސިޓީއަކުން ހުށަހެޅިދާނެއެވެ.
މިނިސްޓަރ މުއްތަލިބު އިތުރަށް ވިދާޅުވި ގޮތުގައި، ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވުމުގެ ކުރިން، ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އަދި ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބުނު ފަރާތްތަކަށް ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ފަށާނެއެވެ. ނަމަވެސް ފްލެޓް ހަވާލުކުރުމުގެ ކުރިން އުސޫލުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ޗެކްކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ޝަރުތު ހަމަނުވާ ފަރާތްތަކާއި، ފްލެޓް ލިބުމަށް ކަނޑައަޅާފައިވާ އަދަދަށް ޕޮއިންޓް ލިބިފައިނުވާ ފަރާތްތަކުން 31 މާރިޗު 2025 ގެ ކުރިން ހުށަހަޅާ ޝަކުވާތައް ބަލައި ގޮތެއް ނިންމަންދެން އެފަރާތްތަކަށް ކުރިން ދިނުމަށް ކަނޑައަޅާފައިވާ ފްލެޓްތައް އެހެން އެއްވެސް ފަރާތަކަށް ދިނުމަށް ކަނޑަނާޅާނެ،" މިނިސްޓަރ މުއްތަލިބު ވިދާޅުވިއެވެ

