ގއ. ގެމަނަފުށީގައި އިއްޔެ ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި އެރަށުގެ އައު އައިސް ޕުލާންޓު މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތުގައި އިންޑިޔާގެ ހައި ކޮމިޝަނަރ ޖީ. ބާލަސުބްރަމަނިއަމް އާއި މިފްކޯގެ ސީއީއޯ ޑރ. ވިތާލީ ލުއިބިމޯވް އަދި ފޮރިން މިނިސްޓްރީގެ އިސް ބޭފުޅުންގެ އިތުރުން ގެމަނަފުށީ ކައުންސިލްގެ މެންބަރުންނާއި އެރަށުގެ މުވައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ މަސްވެރި މޫސުމުގައި އައިސް ލިބުމުގެ ދަތިކަމަކީ މަސްވެރިންނަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމަށެވެ. މި މައްސަލަ ހައްލުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިތުރު 13 އައިސް ޕުލާންޓު އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
“މިއަދު ހުޅުވުނު މި އައިސް ޕުލާންޓުން ދެކުނުގެ މަސްވެރިންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެ. އައިސް ހޯދުމަށް އެކި ރަށްރަށަށް ދަތުރުކުރަން ޖެހުން މަދުވެ، ތެލަށް ކުރާ ޚަރަދު ކުޑަވެގެންދާނެ. މިއީ މަސްވެރިންގެ އާމްދަނީ އިތުރުވުމަށް ވެސް މަގުފަހިވެގެންދާނެ ކަމެއް،” ވަޒީރު ވިދާޅުވިއެވެ.
ގެމަނަފުށީގައި ގާއިމުކުރެވުނު މި އައު އައިސް ޕުލާންޓަކީ އިންޑިއަން އެކްސިމް ބޭންކުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ފެސިލިޓީގެ ދަށުން އަޅާފައިވާ ޕުލާންޓެކެވެ. މި ޕުލާންޓުން ދުވާލަކު 50 ޓަނުގެ ބްލޮކް އައިސް އުފެއްދޭނެއެވެ. އަދި 100 ޓަނުގެ އައިސް ރައްކާކުރެވޭނެ ސްޓޯރޭޖެއް ވެސް މި ޕުލާންޓުގައި ހިމެނެއެވެ. މިއާއެކު، ކޮންމެ 24 ގަޑިއިރަކު 150 ޓަނުގެ އައިސް މަސްވެރިންނަށް ފޯރުކޮށްދިނުމުގެ ޤާބިލުކަން މި ޕުލާންޓަށް ލިބިގެންދާނެއެވެ.

