މާދަމާއަކީ ޕޯޓުގެ ރަސްމީ ބަންދު ދުވަހަކަށް ވިނަމަވެސް، ރޯދަ މަހާ ދިމާކޮށް ރާއްޖެ އެތެރެކޮށްފައިވާ ކާބޯތަކެތި (ޕެރިޝަބަލް މުދާ) ހާއްސަ އިންތިޒާމެއްގެ ދަށުން ދޫކުރުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ނިންމައިފި އެވެ.
އެމްޕީއެލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މާދަމާ މެންދުރުފަހު 2:30 އިން ރޭގަނޑު 10:00 އަށް ކާބޯތަކެތި ދޫކުރުމުގެ ޚިދުމަތް ދޭން ނިންމާފައިވާ ކަމަށެވެ. މިއީ ރޯދަ މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކޮށްފައިވާ ކާބޯތަކެތި އާންމުންނަށް ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަށް އަޅާފައިވާ ފިޔަވަޅެކެވެ.
އެމްޕީއެލްގެ ޕޯޓް ޑިޕާޓްމެންޓްގެ ހެޑް އިލްޔާސް މުހައްމަދު ވިދާޅުވި ގޮތުގައި، ރޯދަ މަހަށް ހާއްސަކޮށްގެން މަސައްކަތް އަވަސްކުރުމުގެ ގޮތުން ވަގުތީ ގޮތުން 19 މުވައްޒަފުން ކާގޯ ވެސެލްތަކަށް ހާއްސަކޮށް ނަގާފައިވެއެވެ. މީގެ އިތުރުން، އާންމުކޮށް ޖައްސާ ވެސެލްތަކުގެ އަދަދު ވެސް އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ޝެޑިއުލް ވައިސް ނޫން ގޮތަކަށް ޝިޕިންގ އެޖެންޓުން މުދާ ގެންނާތީ ބޯޓުތައް އަންނަނީ އެއްފަހަރާ. ގާތްގަނޑަކަށް 10 ބޯޓު އެއްފަހަރާ އަންނަ ދުވަސްތައް ވެސް ދޭ،” އިލްޔާސް ވިދާޅުވިއެވެ.
ކާގޯ ކްލިއަރެންސްގެ ހެޑް އަހްމަދު ނާޒިމް ވިދާޅުވި ގޮތުގައި، ރޯދަ މަހު ހުކުރު ދުވަސް ފިޔަވައި ހަފުތާގެ ހުރިހާ ދުވަހަކު މުދާ ދޫކުރާނެއެވެ. ޕޯޓުގެ މައި ބަނދަރުން ކޮންމެ ހަފުތާއެއްގެ ހޮނިހިރުން ފެށިގެން ބުރާސްފަތި ދުވަހަށް ނޯމަލް އެކްސްޕްރެސް ނޯޓު ކުރެވޭނީ ރޭގަނޑު 8:00 އިން ފެށިގެން ޖެހިގެން އަންނަ ދުވަހުގެ 10:30 އަށެވެ. އަދި ޑެއިލީ އެކްސްޕްރެސް ނޯޓް ކުރެވޭނީ ހެނދުނު 9:15 އިން މެންދުރު 1:00 އަށެވެ.
މި ފިޔަވަޅުތައް އަޅާފައިވަނީ ރޯދަ މަހު އާންމުންނަށް ބޭނުންވާ އަސާސީ މުދަލާއި ކާބޯތަކެތި އެއްވެސް ދަތިކަމެއް ނެތި ފޯރުކޮށްދިނުމުގެ ގޮތުންނެވެ. .

