ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ) އިން 2025-2026 ވަނަ އަހަރަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
ކުންފުނީގެ ހިންގާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އާންމު ހިއްސާދާރުންގެ ފަރާތުން 1 ޑިރެކްޓަރު އަދި ސަރުކާރު ނުވަތަ މައި ހިއްސާދާރުގެ ފަރާތުން 6 ޑިރެކްޓަރުން އިންތިޚާބުކުރެވޭނެކަމަށް އެސްޓީއޯ އިން މަޢުލޫމާތު ދީފައިވެއެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަކީ ވިޔަފާރިއާއި ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް ވުމަކީ ކުންފުނިން ބާރުއަޅާ ކަމެއްކަމަށްވެސް ބަޔާންކޮށްފައިވެއެވެ.
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ކުންފުނީގެ ހިއްސާދާރަކަށްވުން، ދިވެހި ރައްޔިތަކަށްވުން، އުމުރުން 30 އަހަރު ވެފައިވުން، އަދި ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ތަޢުލީމާއި ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ. މީގެ އިތުރުން، މިނިވަން މުސްތަޤިއްލު ފަރާތަކަށްވުމާއި، ކުންފުނީގެ މަސްލަހަތާ ފުށުއަރާ އެއްވެސް ކަމެއްގައި ޝާމިލުވެފައިނުވުން ފަދަ ޝަރުތުތައްވެސް ހިމެނޭކަމަށް އެސްޓީއޯ އިން ހާމަކޮށްފައިވެއެވެ.
ޝަރުތު ހަމަވާ ފަރާތްތަކުން 21 މާރިޗު 2025 ވާ ހުކުރު ދުވަހުގެ 16:00 ގެ ކުރިން “ބޯޑު ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު” ފުރިހަމަކޮށް ހުށަހެޅުމަށް އެސްޓީއޯ އިން އަންގާފައިވެއެވެ. ހުށަހެޅޭ ފޯމުތައް ކުންފުނީގެ ނޮމިނޭޝަން އެންޑް ރެމިއުނަރޭޝަން ކޮން ކޮމިޓީން އިވެލުއޭޓްކޮށް، އިންޓަވިއުކުރުމަށްފަހު، ޑިރެކްޓަރުކަމަށް ކުރިމަތިލާފައިވާ ފަރާތްތަކާބެހޭ މަޢުލޫމާތު ހިއްސާދާރުންނަށް ފޯރުކޮށްދެވޭނެއެވެ.
އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރު ހޮވުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންގެ މެދުގައި ނަގާ ވޯޓަކުންކަމަށް އެސްޓީއޯ އިން ބުނެފައިވެއެވެ.

