ގެދޮރުވެރިޔާ ސްކީމުގެ ދަށުން 4000 ފްލެޓް ލިބޭ ކަމަށް ކުރީގެ ސަރުކާރުން އިއުލާންކުރި ލިސްޓް ރިވިއުކޮށް، ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނިވަޑައިގަތުމާ ގުޅިގެން އުފެދުނު ސުވާލުތަކާ ގުޅޭ ގޮތުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވަނީ އެ ފްލެޓް ދޫކޮށްލައްވަން ނިންމަވާފައެވެ.
ހައިދަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، އެ ސްކީމުން ފްލެޓް އެންމެ ހައްގުވާ ފަރާތްތަކަކީ އެ މަނިކުފާނާއި އަނބިކަނބަލުން މަރިޔަމް ތައުފީގާ ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެހެން އާއިލާތަކަކަށް އެ ފުރުސަތު ދޫކޮށްލެއްވުމަށް ނިންމެވި ކަމަށެވެ.
ކުރީގެ ސަރުކާރުން އާންމުކުރި ލިސްޓާ ގުޅިގެން އޭސީސީން ވެސް ތަހުގީގުކޮށް، ގޯސްތަކެއް ހަދާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެ ލިސްޓު ރިވިއު ކުރަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، ރިވިއު ކުރުމަށްފަހު ނެރުނު ލިސްޓުގައި ހައިދަރުގެ ނަންފުޅު ހިމެނިފައި އޮތުމާ ގުޅިގެން ސޯޝަލް މީޑިއާގައި ސުވާލުތައް އުފެދެމުން ދިޔައެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ލިބޭ ފަރާތްތައް ކަނޑައެޅުމުގައި 15 އަހަރު މެދުނުކެނޑި މާލޭގައި ދިރިއުޅެފައިވުމަކީ އަސާސީ ޝަރުތެއް ކަމަށްވާއިރު، ހައިދަރު ވަނީ އޮސްޓްރޭލިއާގައި ގިނަ ދުވަސްތަކެއް ވަންދެން ދިރިއުޅުއްވާފައެވެ. މިކަމާ ގުޅިގެން އުފެދުނު ސުވާލުތަކަށް ޖަވާބު ދެއްވަމުން ހައިދަރު ވިދާޅުވެފައިވަނީ، މިހާރު ހުންނެވި ހައިސިއްޔަތުގެ ގޮތުން ފްލެޓު ލިބިވަޑައިގެންނެވުމަށް އުޒުރުވެރިވާ ކަމަށެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހައުސިންގ މިނިސްޓަރ މުއްތަލިބު ވިދާޅުވި ގޮތުގައި ފްލެޓް ލިސްޓު ވެރިފިކޭޝަންގައި ބަލާފައިވާނީ އެމީހަކު ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ސަރުކާރުގެ ޑޭޓާ ބޭސްގައި ހުރި މައުލޫމާތުތަކަށެވެ.
"ފްލެޓް ނުލިބޭ ފަރާތްތައް ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ލިބިގެންދާނެ. މި މުއްދަތުގެ ތެރޭގައި ލިސްޓުން އުނިވި ފަރާތްތަކަށް ޕޯޓަލް އިން ޝަކުވާ ހުށަހެޅޭނެ. އަދި އާންމު ފަރާތަކުން ލިސްޓުގައި ހިމެނޭ ފަރާތަކާމެދު އެއްވެސް ޝަކުވާއެއް އޮތް ނަމަ މިނިސްޓްރީއަށް ސިޓީއަކުން ނުވަތަ އީމެއިލް އަކުން ޝަކުވާ ހުށަހެޅޭނެ." މުއްތަލިބު ވިދާޅުވިއެވެ.
އާ ލިސްޓަށް ބަލާއިރު ތިން ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3،721 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓަށްވުރެ މަތިން 1،423 ފަރާތަކަށް ވަނީ ޕޮއިންޓު ލިބިފައެވެ. އަދި ދެ ކޮޓަރީގެ ލިސްޓުގައި ހިމެނޭ 1،218 ފަރާތުގެ ތެރެއިން ޝަރުތު ހަމަވެ 73 ޕޮއިންޓަށްވުރެ މަތިން ލިބިފައިވަނީ 397 ފަރާތަކަށެވެ. އެހެންކަމުން ޖުމްލަ 1،820 ފަރާތަކަށް ފްލެޓް ލިބޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.
މި ލިސްޓާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް 1 މާރިޗު 2025 އިން ފެށިގެން 31 މާރިޗު 2025 އާ ހަމައަށް ފުރުޞަތު ދީފައިވެއެވެ. ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން "ގެދޮރުވެރިން ޕޯޓަލް" މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެ އިރު، ލިސްޓުގައިވާ ފަރާތަކާ ގުޅޭ ޝަކުވާއެއްނަމަ މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ނުވަތަ ސިޓީއަކުން ހުށަހެޅިދާނެއެވެ.

