ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ 4000 ފްލެޓަށް ކުރިން އިއުލާންކޮށްފައިވާ ލިސްޓް މުރާޖަޢާކޮށް، ޝަރުތު ހަމަވާ ފަރާތްތަކުގެ ލިސްޓް އެކުލަވާލުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒު ފޯރުވާފައި ނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އިއްޒުއްދީން ފާލަން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތަކަށް ލިބިފައިވާ ގޯއްޗެއް ނުވަތަ ފްލެޓެއް އަތުނުލާނެ ކަމަށް ވެފައިވާ ވައުދުގައި ދެމިހުންނަވާނެ ކަމަށެވެ. އެހެންނަމަވެސް، ކުރީގެ ސަރުކާރުން އެކުލަވާލި ލިސްޓުން ބައެއް ފަރާތްތައް އުނިވެފައިވާ ކަމަށާއި، އެކަމުގެ ސަބަބު އެ ފަރާތްތަކަށް އެނގެން ހުންނާނެ ކަމަށް ވިދާޅުވިއެވެ.
“މި ލިސްޓް ހެދުމުގައި ޒައްރެއްގެ މިންވަރު ވެސް ނުފޫޒެއް ފޯރުވާފައި އެއްވެސް ފަރާތަކުން ނުވާނެ. މިއީ ނުފޫޒުން އެއްކިބާވެގެން ނެރެފައިވާ ލިސްޓެއް. މިއީ ނުފޫޒެއް ނުފޯރުވާ ހައުސިން ލިސްޓެއް ނެރުނު ފުރަތަމަ ފަހަރު،” ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެކި ސަބަބުތަކާ ހުރެ ފްލެޓް ލިސްޓަށް ނޭރުނު ފަރާތްތަކަށް ރައީސް ޔަގީންކަން ދެއްވީ، ގަސްތުގައި އެއްވެސް މީހަކު އުނިކޮށްފައި ނުވާނެ ކަމަށެވެ. އަދި މައްސަލައެއް އުޅޭކަމަށް ގަބޫލުކުރެވޭނަމަ، ޝަކުވާ ހުށަހެޅުމަށް 30 ދުވަހުގެ މުއްދަތެއް ދެވޭނެ ކަމަށާއި، އެފަދަ މައްސަލަތައް ހައްލުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.
މި ސަރުކާރަކީ މީހަކަށް ލިބިފައިވާ އެއްޗެއް އަތުލާނެ ސަރުކާރެއް ނޫންކަމަށް ވިދާޅުވަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ. މިގޮތުން މި އަހަރު ތެރޭގައި މާލެ އާއި ހުޅުމާލޭގައި އެތައް ހާސް ހައުސިން ޔުނިޓެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާ ކަމަށާއި، ވިލިމާލެ އާއި ގުޅީފަޅުގައި ވެސް ގިނަ އަދަދެއްގެ ހައުސިން ޔުނިޓް އިމާރާތްކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

