ދިވެހިންގެ ޤައުމިއްޔަތާއި ސަގާފަތް އަދި ދިވެހި ވަންތަކަން ދައްކުވައިދޭގޮތަށް އަލުން ތަރައްޤީކުރުމަށްފަހު މާލޭގެ ރަސްމީ ފާލަން ނުވަތަ ޢިއްޒުއްދީން ފާލަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
11 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއް ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރެވުނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މި ފާލަން އަލުން ތަރައްޤީކޮށްފައިވަނީ ގިނަ ދުވަހަށް ދެމިހުންނާނެ ގޮތަށް، ދިވެހިންގެ މާތް ސަގާފަތާއި ޤައުމިއްޔަތު ރަމްޒުކޮށްދޭ ގޮތަށެވެ.
ޢިއްޒުއްދީން ފާލަމުގެ ތާރީޚީ މުހިންމުކަމާ ގުޅޭގޮތުން ފާހަގަކޮށްލެވެނީ، މިއީ 1950 ގައި ރައީސް މުޙައްމަދު އަމީން ދީދީގެ ވެރިކަމުގައި އެންމެ ފުރަތަމަ ހެދި “ބޮޑު ފާލަން” ކަމަށެވެ. އޭގެފަހުން ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައި މިނިވަން 25 ގެ މުނާސަބަތުގައި ލަކުޑި ފާލަމަކަށް ބަދަލުކުރެވުނެވެ. އަދި ރައީސް ޔާމީންގެ ވެރިކަމުގައި މިނިވަން 50 ގެ މުނާސަބަތުގައި “ޢިއްޒުއްދީން ފާލަން” ގެ ނަމުގައި އަލުން ތަރައްޤީކުރެވުނެވެ.
މިހާރު އަލުން ތަރައްޤީކޮށްފައިވާ ފާލަމުގެ ޑިޒައިން ވަނީ 1950 ގައި ހުރި ބޮޑު ފާލަމުގެ އަސްލު ޑިޒައިނަށް ބަލައިގެން ފަރުމާކޮށްފައެވެ. މި ފާލަމަކީ ރާއްޖެއަށް ޒިޔާރަތްކުރައްވާ ބޭރުގެ އިއްޒަތްތެރިންނާއި ދައުލަތުގެ އެންމެ މަތީ ފެންވަރުގެ ރަސްމިއްޔާތުތަކުގައި ބޭނުންކުރެވޭ، ދިވެހިރާއްޖޭގެ ސިޔާދަތާއި އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މުހިންމު ބިނާއެކެވެ.
މީގެއިތުރުން މި ފާލަމަކީ ރިސޯޓުތަކުންނާއި ކްރޫޒް ލައިނަރުތަކުން މާލެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ބޭނުންކުރާ މުހިންމު ވަސީލަތެއްގެ ގޮތުގައިވެސް ފާހަގަކުރެވެއެވެ. އަދި މިއީ ވެރިރަށް މާލޭގެ މަލަމަތިން ފެންނަ އެންމެ ފާހަގަކޮށްލެވޭ އެއް ބިނާކަމުގައިވެސް ވެއެވެ.

