ބޮޑުތަކުރުފާނުމަގުގެ އެމްޓީސީސީ ފެރީޓާމިނަލުން ފެށިގެން އެމްއެމްއޭ އާ ހަމައަށް މަގު ފުޅާކޮށް ތާރުއަޅައިގެން ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން އިއުލާންކުރެއްވީ އިއްޒުއްދީން ފާލަން މަރާމާތުކޮށް ނިންމުމަށްފަހު އަލުން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރަމަޟާންމަސް ނިމުމާއެކުގައެވެ. އަދި މިއަހަރު ނިމެންވާއިރަށް މި މަޝްރޫއު ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވުމަށް ވަނީ ރޭވިފައެވެ. މިހާރުވެސް މި މަޝްރޫއުގެ ފީޒިބިލިޓީ ދިރާސާ ހެދުމާއި އެހެނިހެން ތައްޔާރީތައް ދަނީ ކުރެވެމުންނެވެ.
“މިއީ ހަމަ ޔަގީނުންވެސް ހިނގާނެ މަޝްރޫއެއް. މި މަޝްރޫއުއަށް ބޭނުންވާ ފައިނޭންސްވެސް މިހާރު ވަނީ ހަމަޖެހިފައި،” ރައީސް މުއިއްޒު ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގުގެ އެ ސަރަހައްދު ޝީޓްޕައިލްކޮށް ހިއްކުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ.
ކުރީގެ ސަރުކާރުންވެސް މި ސަރަހައްދު ތަރައްޤީކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، އޭރު އެ މަސައްކަތް އަމަލީ މަރުހަލާއަކަށް ގޮސްފައެއް ނުވެއެވެ. މި މަޝްރޫއުގެ އިތުރުން، ރައީސް މުއިއްޒު ވަނީ މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތްވެސް ޗައިނާ ސަރުކާރުގެ އެހީގެ ދަށުން ފެށޭނެކަމަށް ވިދާޅުވެފައެވެ.

