ރަމަޟާން މުބާރަކް،
މި އަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.
މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވުނު ހަނދު ސާބިތު ކުރުމުގެ ޖަލްސާއަށްފަހު، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ 1446 ވަނަ އަހަރުގެ ރަމަޟާންމަހުގެ މުލަ ރޯދައަކީ މި 2025 ވަނަ އަހަރުގެ މާރިޗުމަހުގެ 1 ވާ ހޮނިހިރު ދުވަސްކަމަށް ނިންމައި އެކަން ރަސްމީކޮށް އިއުލާނުކުރައްވާފައެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޮއިކުރައްވާ ނެރުއްވާފައިވާ ހަނދު ސާބިތު ކުރުމުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، މިއަހަރުގެ ރަމަޟާން މަހުގެ ހަނދު އިސްލާމީ ބައެއް ޤައުމުތަކަށް ފެނުނުކަމަށް ޝަރުޢީގޮތުން ސާބިތު ވާތީ، އަދި ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާގޮތުގެމަތިން މާދަމާއަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައަޅާ ކަމަށެވެ.
މީގެއިތުރުން، ވަޒީރު ޑރ. ޝަހީމް ވަނީ މިބަރަކާތްތެރި ރަމަޟާން މަހުގައި އަޅުކަންކުރުމަށް ފަރުވާތެރިވުމަށާއި މާތްﷲގެ ރުއްސެވުން ހޯދުމަށް މަސައްކަތްކުރުމަށް ހުރިހާ ދިވެހި ރައްޔިތުންނަށް ނަސޭޙަތްތެރިވެވަޑައިގެންފައެވެ.
މި އުފާވެރި ވަގުތުގައި ހުވަދޫމީޑީއާގެ ހުރިހާ ކިޔުންތެރިންނަށް، ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމެވެ.

