މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތަކަށް ހާއްސަކޮށްގެން ގާއިމުކޮށްފައިވާ “އޮޅު ހިޔާ” މާލެ ސިޓީ ކައުންސިލުން ސަރުކާރާ ރަސްމީކޮށް ހަވާލުކުރިތާ 16 ގަޑިއިރުތެރޭ އެތަނަށް ބޭނުންވާ ވަސީލަތްތައް ހަމަކޮށް ބުޅާތައް ގެންދަން ފަށައިފިއެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މިކަން ހާމަކުރައްވަމުން ވިދާޅުވެފައިވަނީ، “އޮޅު ހިޔާ ފެސިލިޓީއާ ހަވާލުވެވުނުތާ އެންމެ 16 ގަޑިއިރުގެ ތެރޭގައި، އަޅުގަނޑުމެންގެ ޓީމުން ވަނީ އާ ކަރަންޓީނު ސަރަޙައްދަށް ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް އެންމެހާ ކަންކަން ފުރިހަމަކޮށްފައި” ކަމަށެވެ. އަދި މިހާތަނަށް 15 ބުޅާ އެތަނަށް ގެނެވިފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
މި ސަރުކާރުގެ “ހަފްތާ 14” ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫއަކީ ހުޅުމާލޭގެ ފޭސް-2 ގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީއެކެވެ. މިކަން ހާސިލްކުރެވުނީ މިނިސްޓްރީގެ ޓާސްކް ފޯސްގެ ހުއްޓުމެއްނެތި ކުރެވުނު މަސައްކަތާއި، އެންޖީއޯތަކުގެ އެއްބާރުލުމާއެކު ކަމަށް މިނިސްޓްރީން ވަނީ ފާހަގަކުރައްވާފައެވެ.
“އޮޅު ހިޔާ” އަކީ މާލޭގެ މަގުތަކުގައި ގިނަވަމުންދާ ބުޅަލުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމުގެ ގޮތުން ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ފެސިލިޓީއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގައި ޕެޓް ކެއާގެ ހަރުދަނާ ގަވާއިދުތަކަކާއި އުސޫލުތަކެއް ތަންފީޒުކުރުމެވެ.
މި މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރުން ފެށިގެން ހިންގެވުމަށް މަސައްކަތްޕުޅު ކުރެއްވި މަޝްރޫއެއް ކަމަށާއި، އޭރުގެ ސަރުކާރުން އެއްބާރުލުން ނުދެއްވުމުން އެ މަޝްރޫއު ކުރިއަށް ނުގެންދެވުނު ކަމުގައި އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

