މި އަހަރުގެ ރަމަޟާން މަހު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވަނީ ވިދާޅުވެފައެވެ.
މިކަން ވަޒީރު ފާހަގަކުރެއްވީ ރަމަޟާން މަހުގެ ޕީކް ލޯޑް ހޭންޑަލްކުރުމަށް ހުޅުމާލޭގައި ސްޓެލްކޯއިން ބިނާކޮށްފައިވާ ވަގުތީ ފެސިލިޓީއަށް ކުރެއްވި ޒިޔާރާތެއްގައެވެ.
ވަޒީރު ޠާރިޤު ވިދާޅުވި ގޮތުގައި، ހުޅުމާލޭގައި މިހާރު ޤާއިމުކޮށްފައިވާ ކަރަންޓު އުފައްދާ މަރުކަޒުތައް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. “ބޭނުމަކީ ރޯދަމަހު އެއްވެސް ވަރަކަށް ކަރަންޓު ނުކެނޑި މަސައްކަތްތައް ކުރުން. އެހެންވީމަ އެގޮތަށް ސްޓެލްކޯއިންނާއި ފެނަކައިންނާއި އަދި އެމްޑަބްލިއުއެސްއީއިން ކަރަންޓު ދެއްވާ ސަރަހައްދުތަކުގައި ކަރަންޓު ނުކެނޑޭ ވަރަށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،” ވަޒީރު ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ރަމަޟާން މަހާ ދިމާކޮށް ކަރަންޓުގެ ޑިމާންޑް އިތުރުވަމުންދާކަން ފާހަގަކުރައްވައި، މިކަމަށް ވަގުތީ ހައްލެއް ލިބިފައިވީނަމަވެސް، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް މަސައްކަތްތަކެއް ކުރަމުންދާކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. މިގޮތުން، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށްޓަކައި މާލެ ސަރަހައްދަށް 13 ޖަނަރޭޓަރ ސެޓް ގެނައުމަށް ސްޓެލްކޯއިން ވަނީ ނިންމާފައެވެ.
އަދި ވަޒީރު ވަނީ އާންމު ރައްޔިތުންނަށް ޚާއްޞަ އިލްތިމާސެއް ކުރައްވާފައެވެ. އެގޮތުން، ގޭބީސީތަކުގައި ކަރަންޓު ބޭނުންކުރާއިރު އިޤްތިޞާދުކުރުމަށާއި، އޭސީ، ދޮންނަމެޝިން، އަވަން އަދި އިސްތިރި ފަދަ ކަރަންޓުގެ އާލާތްތައް ބޭނުންކުރުމުގައި ސަމާލުވުމަށް ވަނީ އެދިވަޑައިގެންފައެވެ.
ވަޒީރު ޠާރިޤު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޔުޓިލިޓީ ޕްރޮވައިޑަރުން ރެއާއި ދުވާލު ކުރަމުންދާ މަސައްކަތްތަކަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވައެވެ. އަދި ގޮންޖެހުންތައް ހުރި ނަމަވެސް، ރަމަޟާން މަހުގައި މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެކަން އަންގަވާލައްވާފައިވެއެވެ.

