ޔޫތު ކައުންސިލުގެ 4 މެމްބަރަކު މަޤާމުން އިސްތިއުފާ ދީފިއެވެ. އެމެމްބަރުން އިސްތިއުފާ ދީފައިވާކަން ހާމަކުރުމުގެ ގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ވަނީ ބާއްވާފައެވެ.
ޔޫތު ކައުންސިލުން އިސްތިއުފާ ދެއްވާފައިވަނީ އެ ކައުންސިލަށް އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތައް ތަމްސީލު ކުރާ މެންބަރު، ޑްރަގް ރިހެބިލިޓޭޝަންއާއި ގުޅޭ މަސައްކަތްތަކުގައި އުޅޭ ފަރާތްތައް ތަމްސީލު ކުރާ މެންބަރު، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތަމްސީލު ކުރާ މެންބަރު އަދި ފަންނާނުން ތަމްސީލު ކުރާ މެންބަރެވެ.
އެމެމްބަރުން ވިދާޅުވި ގޮތުގައި އެބޭފުޅުން އިސްތިއުފާ ދެއްވާފައިވަނީ ސަރުކާރާއި ދެކޮޅުވެގެން ނޫންކަމަށާއި އަދި ވަކި ބައެއްގެ ނުފޫޒުން ނޫންކަމަށެވެ. އެހެންނަމަވެސް އސްތިއުފާ ދިން މައިގަނޑު ސަބަބަކަށް ވިދާޅުވެފައިވަނީ ކައުންސިލްގެ މެމްބަރުން ބަދަލުވަމުން ދިޔުމާއިގުޅިގެން ކައުންސިލް ސްޓޭބަލް ކޮށް ނޯންނާތީ ކަމަށާއި އެންމެ ފުރަތަމަ މަޤާމާއި ހަވާލު ވުމަށްފަހު ވެސް ކައުންސިލް ހިންގުމުގައި ގެންގުޅޭ އުސޫލުގައި ބަދަލު ކުރަންޖެހޭ ކަންތައްތައް ހުރިކަމަށް ފެނުމުން އެކަންކަން ބަދަލު ކުރަން މަސައްކަތް ކުރިކަމަށެވެ.
އެގޮތުން ބަދަލުކުރަން ބޭނުންވި އެއް ކަމަކީ 16 އަހަރާއި 18 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުއްޖަކު ކައުންސިލްގައި އިންނަންޖެހޭ ގޮތަށް ހަދާފައިވާ އުސޫލުކަމަށް އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
އިސްތިއުފާ ދޭން ޖެހުނު ސަބަބުތަކުގެ ތެރޭގައި ކުދި ޕްރޮޖެކްޓްތައް ވެސް ހިންގުމުގެ ބާރު ކައުންސިލަށް ނެތުމުން އެގޮތަށް އެ އޮންނަ އުސޫލުވެސް އިސްލާހު ކުރަން ބޭނުންވެގެން ކައުންސިލްގެ ދެވަނަ ޖަލްސާގައި އެދިފައިވީ ނަމަވެސް ރަސްމީކޮށް މިހާތަނަށް ޔޫތު މިނިސްޓްރީން ޖަވާބެއް ދީފައި ނުވާކަމަށެވެ. މިކަހަލަ ކަންތައްތަކުގއި މިނިސްޓްރީގެ އެއްބާރުލުން ނުލިބޭ ކަމަށް އެބޭފުޅުން ވަނީ ހާމަކޮށްފައެވެ
ކުދި ޕްރޮޖެކްޓްތައް ހިންގުމުގެ ހުއްދަ ނަގައިގެން ކުރިޔަށް ގެންދެވިދާނެކަމަށް އަނގަބަހުން ބުނެފައި އޮންނާތީ އެކަމަށް ވެސް މަސައްކަތް ކުރިކަމަށާއި، ނަމަވެސް އެކަމަށް ވެސް އެންމެ އެދެވޭ އެއްބާރުލުމެއް ލިބެމުން ގޮސްފައި ނުވާކަމަށް މެމްބަރުން ވިދޅުވިއެވެ. އަދި ކުރަން ރޭވި ގިނަ ކަންކަން ވެސް، މެންބަރުން މަދުވުމުންނާއި މެންބަރުން ވަކިވެ ބަދަލުވާ މައްސަލަ ދިމާވާތީ ކުރިޔަށް ގެންދަން ދަތިވި ކަމަށް ފާހަގަ ކުރިއެވެ. އަދި މިނިސްޓްރީގެ އިސް ފަރާތްތަކާއި މިކަންކަމުގައި ބަދަލު ކުރަން ބޭނުންވެގެން އެދުނު ނަމަވެސް އެންމެ އެދެވޭ ގޮތެއްގައި ބައްދަލުވުންތައް ކުރިޔަށް ގެންދަން ފުރުސަތު ލިބިފައިނުވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

