ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ނަމުގައި ސޯޝަލް މީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލައި، ސްކޭމްކޮށް، މީހުންގެ އަތުން ފައިސާ ފޭރުމުގެ ޢަމަލުތަކެއް ބަޔަކު ހިންގަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ޖުމްހޫރީ ޕާޓީން މިއަދު ހާމަކޮށްފިއެވެ.
ޖުމްހޫރީ ޕާޓީން ބުނެފައިވާ ގޮތުގައި، މި ޢަމަލުތައް ހިންގާ ފަރާތްތަކުން ނަހުލާގެ އަސްލު އެކައުންޓްތަކުގައި ހުންނަ ޒާތީ މަޢުލޫމާތާއި ފޮޓޯ އެއްގޮތްކޮށްގެން ސޯޝަލް މީޑިއާގައި ދޮގު އެކައުންޓްތައް ހަދާފައިވާކަން ފާހަގަކުރެވިފައިވެއެވެ. އަދި އައިޝަތު ނަހުލާގެ އަސްލު އެކައުންޓްތަކަކީ ވެރިފައި ކުރެވިފައިވާ އެކައުންޓްތަކެއް ކަމަށާއި، އެކަން އަންގައިދޭ ނިޝާން އަސްލު އެކައުންޓްތަކުގައި ހުންނާނެ ކަމަށްވެސް ޕާޓީން ބުނެފައިވެއެވެ.
“މީގެ ކުރިންވެސް ދޭތެރެ ދޭތެރެއިން މިބާވަތުގެ ނުރަނގަޅު ކަންކަން ނަހުލާގެ ނަންފުޅާ އެއްގޮތް އެކައުންޓްތައް ހަދައިގެން ބަޔަކު ހިންގާފައިވާތީ، އެކަންވެސް އެކި ފަހަރުމަތިން ވާނީ ސަމާލުކަމަށް ގެނެވިފައި،” ޕާޓީ އިން ބުނެފައިވެއެވެ.
ޖުމްހޫރީ ޕާޓީން އިތުރަށް ބުނެފައިވަނީ، ވެރިފައި ކުރެވިފައިވާ ކަމުގެ ނިޝާނެއް ނެތް ދޮގު އެކައުންޓްތައް މެދުވެރިކޮށް މަކަރާއި ހީލަތުން އޮޅުވާލައިގެން އެކިއެކި ފަރުދުންގެ އަތުން ފައިސާ އަތުލުމުގެ ޢަމަލުތައް ހިންގަމުންދާ މީހުން ހޯދައި ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ޢާންމު ރައްޔިތުންނަށް އިލްތިމާސްކުރަމުން، ޖުމްހޫރީ ޕާޓީން އެދިފައިވަނީ ނަހުލާގެ ނަމުގައި މެސެޖެއް ފަދަ އެއްޗެއް ލިބިއްޖެނަމަ، އޭގައިވާ ލިންކުތަކާއި ދެވިފައިވާ އިރުޝާދުތަކަށް ޢަމަލު ނުކުރުމަށެވެ. އަދި މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ، ވަގުތުން ކަމާބެހޭ ފަރާތްތަކަށް އެންގުމަށްވެސް އިލްތިމާސްކޮށްފައިވެއެވެ.

