ހުރިހާ ކިޔުންތެރިންނަށް، އެންމެ ފުރަތަމަވެސް ބަރަކާތްތެރި ރަމަޟާންމަހުގެ ހެޔޮއެދުންތައް އަރިސްކުރަން، ރަމަޟާން މުބާރަކް!
މިއަދުގެ ފަތިސްތަރީގައި މިބަލާލަނީ ފަޅޮލާއި ކަދުރު އެއްކޮށްގެން ބޭނުން ކުރުމުން ލިބިދޭ ފައިދާތަކުގެ މައްޗަށެވެ. މިފަދަ ބުއިންތަކާއި ކެއުންތަކަކީ ރަމަޟާންމަސްފަދަ ކެއިންބުއިމާއި ދުރުގައި މުޅި ދުވަހު އުޅެފައި ރޯދަ ވީއްލުމަށްފަހު ބޭނުންކުރުމަށް ނުހަނު ފައިދާހުރި ބޭނުންތެރި ބާވަތްތަކެކެވެ.
ކާމިޔާބު އިންޖިނިއަރަކު އޭނާގެ އަމިއްލަ ވާހަކަ ހިއްސާ ކުރަމުން ލިޔެފައިވެއެވެ. ދުޅަހެޔޮ ދިރިއުޅުމެއް އުޅުމަކީ ކޮންމެ މީހެއްގެވެސް އެދުމެކެވެ. އަޅުގަނޑުގެ މާމަ ކިޔައިދީ އާދަކުރުވި ބައެއް ކަހަލަ ކެއުންތަކާއި ބުއިންތަކަކީ މިއަދާ ހަމައަށްވެސް ފުރިހަމަ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް މަގުފަހިކުރުވަމުން އަންނަ އެންމެ ބޮޑު ސަބަބުކަން ޔަގީނެވެ. އުމުރުން މިހާހިސާބަށް އައިއިރުވެސް އެއްވެސް ބޮޑު ބައްޔެއް ނުޖެހި، ލޮލުގެ ފެނުން ސާފުކޮށް، ސިކުނޑި ހަރުދަނާކޮށް އަދި ލޭގެ ޕްރެޝަރު ރަނގަޅަށް ހުރެވުނީ ހަމައެކަނި މިދެންނެވި ކާނާގެ ސަބަބުންނެވެ. އޭގެ ތެރެއިން ބައެއް ކަހަލަ ރެސިޕީތައް ހިއްސާކޮށްލަން ކަމަށް ގަސްދުކުރަމެވެ.
ބައެއް ކާނާތައް އެކުވެގެން އަންނައިރު، އޭގެ ސަބަބުން ލިބޭ ފައިދާތައް ވަރަށް ގިނައެވެ. މިގޮތުން ފަޅޮލާއި ކަދުރު އެކުވެގެން އަންނައިރު، އޭގެ ސަބަބުން ލިބޭ ފައިދާތަކަކީ ވަރަށް ގިނަ ބަޔަކު ނޭނގި އޮތް ސިއްރެކެވެ. މި ދެ ބާވަތުގެ މޭވާގައި ހިމެނޭ ކާބޯތަކެތީގެ ބާވަތްތަކާއި، އެންޓިއޮކްސިޑެންޓްސް އަދި ހަޖަމުކުރުމަށް އެހީވެދޭ އެންޒައިމްތަކުގެ ސަބަބުން މުޅި ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުވެއެވެ.

ފަޅޮލާއި ކަދުރުގެ މިކެއުންތަކަކީ ހަމައެކަނި މީރު ރަހައެއް ނޫނެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް ގުދުރަތީ ހައްލެކެވެ./ ފޮޓޯ:ހެލްތުލައިން
ފަޅޮލާއި ކަދުރުގެ ސްމޫތީ: ދުޅަހެޔޮ ދިރިއުޅުމަކަށް ގުދުރަތީ ހައްލެއް
ގުދުރަތީ ކާނާގެ ތެރެއިން އިންސާނުންގެ ހަށިގަނޑަށް އެންމެ ފައިދާ ހުރި ދެ ބާވަތެއް އެކުއެކީގައި ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފަޅޮލާއި ކަދުރުގެ ސްމޫތީއަކީ ޞިއްޙަތަށް ކުރާ ގިނަގުނަ ފައިދާތަކުގެ ސަބަބުން ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ ބުއިމެކެވެ.
ލޭގެ ޕްރެޝަރު ބެލެހެއްޓުމާއި ލޭ ދައުރުވުން ރަނގަޅުކުރުން: ކަދުރުގައި ގިނަ އަދަދަކަށް ހިމެނޭ ޕޮޓޭސިއަމްއާއި ފަޅޮލޮގައި ހިމެނޭ އިންފްލަމޭޝަން މަދުކުރާ ބާވަތްތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ރަނގަޅު މިންގަނޑެއްގައި ހިފެހެއްޓުމަށް އެހީތެރިވެދެއެވެ. މީގެއިތުރުން، މި ދެ ބާވަތުގައި ހިމެނޭ އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ނުބައި ކޮލެސްޓްރޯލް (އެލްޑީއެލް) ދަށްވެ، ލޭ ދައުރުވުން ރަނގަޅުވެއެވެ.
ލޮލުގެ ފެނުމުގެ ބާރު ހިފެހެއްޓުން: ފަޅޮލާއި ކަދުރުގައި ހިމެނޭ ވިޓަމިން އޭ އާއި އެންޓިއޮކްސިޑެންޓްސްގެ ސަބަބުން ލޮލުގެ ފެނުމުގެ ބާރު ރަނގަޅުވެއެވެ. އަދި އުމުރުން ދުވަސްވުމުން ކުރިމަތިވާ ލޮލުގެ މައްސަލަތައް ދުރުކޮށް، ލޮލުގެ ފެނުމުގެ ބާރު އިތުރުކޮށްދެއެވެ.
ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުން: ފަޅޮލޮގައި ހިމެނޭ ކެލްސިއަމްއާއި ކަދުރުގައި ހިމެނޭ މެގްނީސިއަމްގެ ސަބަބުން ކަށިތައް ވަރުގަދަވެ، މަސްތަކުގެ ދުޅަހެޔޮކަން އިތުރުވެއެވެ. އަދި މި ދެ ބާވަތުގައި ހިމެނޭ ޕޮލިފީނޯލްސްގެ ސަބަބުން ހަށިގަނޑުގައި އުފެދޭ އިންފްލަމޭޝަން މަދުވެ، އާތްރައިޓިސް ފަދަ ބަލިތަކުން ރައްކާތެރިވެއެވެ.

ޕަޕާޔާބޯޓު، ފަޅޮލާއި ކަދުރުގެ މިކެއުންތަކަކީ ހަމައެކަނި މީރު ރަހައެއް ނޫނެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް ގުދުރަތީ ހައްލެކެވެ./ ފޮޓޯ:ހެލްތުލައިން
ބަރުދަން ބެލެހެއްޓުމާއި ހަކަތަ އިތުރުކުރުން: ފައިބަރު ގިނައިން ހިމެނޭ އަދި މަދުން ފެޓް ހިމެނޭ މި ދެ މޭވާގެ ސަބަބުން ކެއުމުގެ ފަލަވުން ދުރުކޮށް، ބަރުދަން ދަށްކުރުމަށް އެހީވެދެއެވެ. ކަދުރުން ލިބޭ ގުދުރަތީ ހަކަތައާއި ފަޅޮލޮގައި ހިމެނޭ ވިޓަމިން ބީގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުވެ، ހަކަތަ އިތުރުވެއެވެ.
ފަޅޮލާއި ކަދުރު އެކުގައި ބޭނުންކުރެވިދާނެ ގޮތްތައް؛ ފަޅޮލާއި ކަދުރު އެކުގައި ބޭނުންކުރުމަށް ތަފާތު ގޮތްތައް ހުރެއެވެ:
- ތާޒާ ފަޅޮލާއި ކަދުރު(އޮށްނަގާފައި) އަދި އަލްމަންޑްކިރާ އެއްކޮށް މިކްސްޗަރުގައި ރަނގަޅަށް ގިރާލުމަށްފަހު ރަހަމީރު އަދި ފައިދާ ހުރި ސްމޫތީއެއް ތައްޔާރު ކުރެވިދާނެ
- ފަޅޮލާއި ކަދުރު ކުދިކޮށް ކޮށާ، ކޮޕީފަތާއި ލެޓިއުސް އަދި ކިއުކަމްބާ ލުނބޯހުތް، ކިރިޔާ ރަހަލާވަރުގެ ކުޑަކުޑަ ލޮނުކޮޅެއް އެއްކޮށްގެން ފައިދާ ހުރި ފެހި ސެލެޑެއް ތައްޔާރު ކުރެވިދާނެ
- ފަޅޮލޮ ދެބައިކޮށްފައި އޭގެ ތެރެއަށް ކުދިކޮށް ކޮށާފައިވާ ކަދުރާއި ބަދަން(ކޮންމެވެސް ކަހަލަ ބަދަނެއް، އަލްމަންޑްސް، ކެޝޫނަޓްސް، ހެޒްލް ނަޓްސް، މެކަޑޭމިއާ) އަދި ފޮނިތޮށިކޮޅެއް ގާނާފައި މައްޗަށް ވިއްސާލުމަށްފަހު، މާމުއި ސަމުސަަލެއް މައްޗަށް އަޅާލައިގެން މީރު ފޮނިކާއެއްޗެއް ތައްޔާރުކުރެވިދާނެ.
ފަޅޮލާއި ކަދުރުގެ މިކެއުންތަކަކީ ހަމައެކަނި މީރު ރަހައެއް ނޫނެވެ. ދުޅަހެޔޮ ދިރިއުޅުމަކަށް އޮތް ގުދުރަތީ ހައްލެކެވެ. މި ދެ މޭވާ ކެއުމުގެ ތެރޭ ހިމެނުމުން ހަޖަމުކުރުމާއި ގޮހޮރުގެ މަސައްކަތާއި، ދިފާޢީ ބާރާއި، ހިތުގެ ދުޅަހެޔޮކަން އަދި އެހެނިހެން ގިނަ ކަންކަން ރަނގަޅުކުރެވިދާނެ. ފަޅޮލާއި ކަދުރުގެ ސްމޫތީއަކީ ހަށިގަނޑުގެ ޞިއްޙަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ، ފަސޭހައިން ތައްޔާރުކުރެވޭ އަދި ރަހަމީރު ބުއިމެކެވެ. ޚާއްޞަކޮށް ލޭގެ ޕްރެޝަރު ބެލެހެއްޓުމަށާއި ލޮލުގެ ފެނުމުގެ ބާރު ރަނގަޅުކުރުމަށް މި ބުއިން ވަރަށް ބޮޑަށް އެހީތެރިވެދެއެވެ.

