ރަމަޟާން މުބާރަކް!
މިއީ، ރަމަޟާން މަހަށް ޚާއްޞަކޮށްގެން ދީނީ ގޮތުން އެނގުން މުހިންމު މައުލޫމާތު ގެނެސްދިނުމުގެ މަޤުޞަދުގައި ގެނެސްދޭ ލިޔުންތަކެކެވެ!
- ބޮލާއި ތުނބުޅީގައި ކުލަ ޖެއްސުން:
މީހާގެ ބޮލާއި ތުނބުޅި ނުރަވުމުން ކުލަ ޖެއްސުމަކީ ބައެއް ބޭކަލުން ވިދާޅުވަނީ މުސްތަޙައްބު ކަމެއް ކަމަށެވެ. އެއީ އެގޮތަށް ކުލަ ނުޖައްސައިހުރުމުން މާބޮޑަށް މީހާގެ ހައިބަތު ގެއްލިދާނެތީއެވެ. އަބޫ ޤުޙާފާއަށް ކީރިތި ރަސޫލާ އެންގެވި ފަދައިންނެވެ. އަދި މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނި ޢުމަރުގެ ރިވާޔަތުގައި އަންނަ ފަދައިންވެސް މެއެވެ. އިމާމު އަބޫ ދާއޫދާއި ނަސާއީއާއި އެނޫން ބޭކަލުން ނެރުއްވި ރިވާޔަތެއްގައި އައިސްފައި ވެއެވެ. ޢަބްދުﷲ އިބްނި ޢުމަރު އެކަލޭގެފާނުންގެ ތުނބުޅިފުޅުގައި ރީނދޫކުލަ ޖައްސަވަތެވެ. މިގޮތުން ހެދުންކޮޅުވެސް ހުންނަނީ ރީނދޫވެފައެވެ. މިކަމުގެ ސަބަބަކީ ކޮބައިތޯ ދެންނެވުމުން އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ރީދޫއިން ކުލަޖެއްސުމާ ބެހޭގޮތުން ބުނަން އޮތް ވާހަކައަކީ ލޮބުވެތި رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ރީދޫކުލަޖައްސަވާފައި ހުންނަތަން ތިމަން ދެކޭތީ އިތުރު އެކަލޭގެފާނަށް ތަބާވުމުގެ ގޮތުން ތިމަން އެކުލަޖެއްސުމަށް ލޯބިވަނީއެވެ. (މިއީ އެތަކެއް މުޙައްދިޘުން ރިވާކުރަށްވާފައިވާ ރިވާޔަތެކެވެ.)
އިމާމު އަބޫ ދާއޫދު ރިވާކުރަށްވާފައި ވެއެވެ. ކީރިތި ރަސޫލާ އެކަލޭގެފާނުންގެ ތުނބުޅިފުޅު ރީނދޫއާއި ކުކުމުން ކުލަ ޖައްސަވަތެވެ. ބައެއް ރިވާޔަތްތަކުގައި އަންނަނީ ހެދުންކޮޅާއި ފަގުޑިކޮޅުގައި ވެސް ރީނދޫކުލަ ޖައްސަވާ ކަމަށެވެ.
އިމާމު މާލިކުގެ ކިބައިން އިމާމު އިބްނި ޢަބްދުލް ބައްރު ރިވާކުރަށްވާފައިވަނީ، އިސްތަށީގައި ކުލަ ޖެއްސުމުގައި ވަރަށް ގިނަ ޞަޙާބީންނާއި ތާބިޢީންނާއި ޢިލްމުވެރިން ރީނދުލާއި ރަތުން ކުލަ ޖައްސަވާ ކަމަށެވެ. އަދި ހަމައެހެންމެ އެބޭކަލުންގެ ތެރެއިން ވަރަށްގިނަ ބޭކަލުން ކުލަ ނުޖައްސަވާ ވެސް އުޅުއްވައެވެ. ދެން އެކަލޭގެފާނު ވިދާޅުވަނީ މިއީ މާލިކުގެފާނު ވިދާޅުވެފައިވާ ފަދައިން ވަރަށް ތަނަވަސްކޮށް އޮތް ކަމެއް ކަމަށެވެ. ދެން އިމާމު އިބްނި ޢަބްދުލް ބައްރު އެކަލޭގެފާނުންގެ ތަމްހީދުގެ 21/75 ގައި އަޞްޙާބު ބޭކަލުންގެ ތެރެއިން ކުލަ ޖައްސަވާ ބޭކަލުންގެ ބޮޑު ލިސްޓެއް ގެންނެވިއެވެ. އޭގައި 26 ބޭކަލުން ހިމެނި ވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ފުރަތަމަ ތިން ޚަލީފާއިންނާއި އިބްނި ޢައްބާސާއި އަބޫ ހުރައިރާގެ ނަންފުޅު އިބްނި ޢަބްދުލް ބައްރު ގެންނަވާފައި ވެއެވެ. އެއްފަހަރަކު މީހަކު ޢަލީގެފާނުންގެ ދަރިކަލުން މުޙައްމަދު އިބްނިލް ޙަނަފިއްޔާގެ އަރިހުން އެކަލޭގެފާނު ކުލަޖައްސަވާތީ، ޢަލީގެފާނު ކުލަނުޖައްސަވާ ވާހަކަ ދެންނެވުމުން މުޙައްމަދު ވިދާޅުވިއެވެ. އެހެނަސް ޢަލީގެފާނަށް ވުރެން މާތް ބޭކަލަކު (އެބަހީ ކީރިތި ރަސޫލާ) ކުލަ ޖައްސަވައި ހައްދަވައެވެ.
- ކުލަ ޖެއްސުމުގައި ކޮންމެ ކުލައެއްވެސް އިޚްތިޔާރު ކުރެވިދާނެއެވެ!
ދީނުގެ ޢިލްމުވެރިން ވިދާޅުވަނީ ކުލަ ޖެއްސުމުގައި ކޮންމެ ކުލައެއްވެސް ބޭނުން ކުރެވިދާނެ ކަމަށެވެ. އިމާމު ނަވަވީ އަލްމިންހާޖުގައި ވިދާޅުވެފައިވަނީ ކީރިތި ރަސޫލާގެ ބަޔާންވެދިޔަ ޙަދީޘުން އިސްތިދްލާލު ކުރަށްވަމުން މާތް ﷲ ރުއްސުންލެއްވި އިބްނި ޢުމަރު އެކަލޭގެފާނުންގެ ތުނބުޅިފުޅުގައި ރީނދޫ ކުލަ ޖައްސަވާ ކަމަށެވެ. އިމާމު މާލިކު މުއައްޠާ (1/724) ގައި ވިދާޅުވެފައި ވަނީ އަބޫ ބަކުރުގެފާނު ކުލަޖައްސަވާ ކަމަށާއި ޢަބްދުއްރަޙްމާން އިބްނިލް އަސްވަދު ތުނބުޅިފުޅާއި އިސްތަށިފުޅު ރަތް ކުރެއްވުމުން އެންމެހައި އަޞްޙާބު ބޭކަލުން އެކަމަށް ތަޢުރީފު ވިދާޅުވި ކަމަށެވެ. އަދިވެސް އިމާމު މާލިކު ވިދާޅުވެފައި ވެއެވެ. ބޮލާއި ތުނބުޅި ކަޅުކުރުމާމެދު އެއްވެސް ކޮޅަކަށް ތިމަންކަލޭގެފާނަށް ޞައްޙަ މަގުން ބަސްފުޅެއް ލިބިވަޑައިގެންފައި ނުވާކަމަށާއި ކަޅުކުލަ ޖެއްސުމާއި ނުޖެއްސުމާއި ދެގޮތްމެ ރަނގަޅުކަމަށާއި ބޮޑަށް ތިމަން ކަލޭގެފާނަށް ލޮބުވެތިކަން ބޮޑުވެގެންވަނީ ކުލަކުރުންކަމަށާއި މިއިން ކޮންމެ ގޮތެއްގައިވެސް ﷲ ގެ އިރާދަފުޅުން މީސްތަކުންނަށް ލުއިފަސޭހަ އޮތް ކަމަށެވެ.
- ކުލަޖެއްސުމުގެ ޙުކުމް:
އިމާމު ޤާޟީ ޢިޔާޟުގެ އަރިހުން އިމާމު ނަވަވީ ނަގުލު ކުރަށްވާފައި ވެއެވެ. ލޮބުވެތި ރަސޫލާގެ އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންގެ މެދުގައި ކުލަ ޖެއްސުމާ މެދުގައްޔާއި ކުލަ ޖައްސާނެ ބާވަތަކާމެދު ރައުޔު ތަފާތުވެފައި އޮތްކަމަށެވެ. އެއްބައި ބޭކަލުން އައުލާ ކަމަށް ވިދާޅުވަނީ ކުލަ ނުޖައްސައި ބެހެއްޓުމަށެވެ. ޢަލީގެފާނާއި އުބައްޔުގެފާނުންގެ ޢަމަލުފުޅު އޮތީ ކުލަ ނުޖެއްސުމަށެވެ.
އަނެއްބައިބޭކަލުން ބުރަވެ ވަޑައިގަންނަވަނީ ކުލަ ޖެއްސުން މޮޅު ކަމަށެވެ. އަޞްޙާބު ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި އޭގެފަހުގެ ބޭކަލުންގެ ތެރެއިން ކިތަންމެ ބޭކަލުންނެއް ކުލަ ޖައްސަވަތެވެ. އިބްނި ޢުމަރާއި އަބޫހުރައިރާއާއި އެނޫން ބޭކަލުން ޖައްސަވާ އުޅުއްވީ ރީނދޫ ކުލައެވެ. އިސްތަށިކޮޅާއި ހެދުންކޮޅުގައި ވެސް މެއެވެ. ޢަލީގެފާނުންގެ އަރިހުންވެސް ހެދުންކޮޅުގައި ރީނދޫ ކުލަޖެއްސެވުމަށް ރައުޔެއް އައިސްފައި ވެއެވެ.
- ހުއްދަވާ ކުލައިގެ ބާވަތް:
ދީނުގެ ޢިލްމުވެރިންގެ ތެރެއިން ވަރަށް ގިނަ ބޭކަލުން ބުރަވެ ވަޑައިގެންފައި ވަނީ ހީނާފަތާއި ކަތަމު ގަހުގެ (Mute plant) ފަތުން ކުލަ ޖެއްސުން އައުލާ ކަމަށެވެ. ނުވަތަ ކުކުމާއި އެއްކޮށްލައިގެން ކުލަ ޖެއްސިދާނެއެވެ. އިމާމު ބުޚާރީ ގެންނެވި ރިވާޔަތެއްގައި ވަނީ، މާތް ﷲ ރުއްސުންލެއްވި އުއްމު ސަލަމާ ބައެއް ތާބިޢީ ބޭކަލުންނަށް އެކަމަނާގެ އަތްޕުޅުގައި ހުރި ކީރިތި ރަސޫލާގެ އިސްތަށިކޮޅުތަކެއް ދެއްކެވިކަމަށާއި އެތަކެތިހުރީ ހީނާފަތާއި ކަތަމުފަތާ އެއްކޮށްލައިގެން ކުލަޖައްސާފައި ކަމަށެވެ. އިބްނި ޙަޖަރު މިވާހަކަ އަލްފަތުޙުގެ 10/366 ގައި ބަޔާން ކުރަށްވާފައި ވެއެވެ.
އިމާމު ތިރްމިޛީ (4/204) ނެރުއްވާފައިވާ ޞައްޙަ ޙަދީޘެއްގައި މިފަދައިން އައިސްފައިވާ ކަމަށެވެ. إِنَّ أَحْسَنَ مَا غُيِّرَ بِهِ الشَّيْبُ الْحِنَّاءُ وَالْكَتَمُ
މާނަ: ނުރައިގެ ކުލަބަދަލު ކުރެވޭހިނދު އެންމެރީތި ކުލައަކީ ހީނާފަތާއި ކަތަމުފަތު އެއްކޮށްލައިގެން ޖެއްސޭ ކުލައެވެ. އިމާމު އިބްނި ޙަޖަރު ވިދާޅުވެފައި ވަނީ މިދެފަތް އެއްކޮށްލުމުން އުފެދެނީ ވިދަވިދާހުންނަ ކަޅުކުލަ ކަމަށެވެ.
ބައެއް ބޭކަލުން ބުރަވެ ވަޑައިގަންނަވަނީ ކަޅުކުލަ ޖެއްސުން މޮޅު އިތުރު ކަމަށެވެ. މިބޭކަލުންގެ ތެރޭގައި
- ޢުޘްމާނުގެފާނާއި
- ޙަސަންގެފާނާއި
- ޙުސައިނުގެފާނާއި
- ސަޢުދު އިބްނި އަބީ ވައްޤާޞާއި
- ޢުޤުބާއާއި
- ޖަރީރާއި
- އިބްނި ސީރީނާއި
- އިބްނި އަބިލްޢާޞާއި އެނޫންވެސް ސަލަފުގެ ބޭކަލުން ހިމެނިވަޑައިގަންނަވައެވެ.
އިމާމު މާލިކުގެ އަރިހުން އިބްނި ޙަޖަރު ނަގުލު ކުރަށްވާފައި ވަނީ (6/576) އިމާމު މާލިކު ވިދާޅުވާ ގޮތުގައި އެކަލޭގެފާނު ހީނާފަތާއި ކަތަމާއި ދެފަތް އެއްކުރަށްވައިގެން ކަޅު ކުރެއްވުމަށް ބުރަވެ ވަޑައިގަންނަވާ ކަމަށާއި ސީދާ ކަޅުކުލައަށް ލޮބުވެތިވެ ވަޑައި ނުގަންނަވާ ކަމަށެވެ. އެކަލޭގެފާނު އިސްކަން ދެއްވަނީ ކަޅު ނޫން ކުލައަކަށް ކަމަށެވެ.
އިމާމު ނަވަވީގެ އަރިހުން އިބްނި ޙަޖަރު ނަގުލު ކުރަށްވާފައިވަނީ އެކަލޭގެފާނު އިސްކަން ދެއްވަނީ ކަޅުކުލަ ޖެއްސެވުމަކީ މަކްރޫހަ ތަޙްރީމީއެއް ކަމަށެވެ. އެހެނަސް ޝާފިޢީ މަޛްހަބުގެ މަޝްހޫރު އިމާމެއްކަމުގައިވާ އިމާމު ޙަލީމީގެ އަރިހުން އިބްނިޙަޖަރު ނެރުއްވާފައިވަނީ އެކަލޭގެފާނު ބުރަވެ ވަޑައިގަންނަވަނީ މަކްރޫހަ ތަންޒީހީއެއް ކަމަށާއި ފިރިމީހާގެ ޙައްޤުގައި އެމީހާގެ އުފަލަކަށްޓަކައި އަނބިމީހާއަށް މަކްރޫހަކަމެއް ނެތި ހުއްދަވެގެންވާ ކަމަށެވެ.
ޝާފިޢީ މަޛްހަބުގެ އިމާމުވެރި ބޭކަލުންގެ ބަސްފުޅުތަކަށް ބަލާއިރު ބައެއް ބޭކަލުން ކަޅުކުލަ ޖެއްސުން ޙަރާމޭވެސް ވިދާޅުވެފައި ވެއެވެ. އަނެއްބައި ބޭކަލުން މަކްރޫހަ ތަޙްރީމީއަށް، އަނެއް ބައިބޭކަލުން މަކްރޫހަ ތަންޒީހީއަށް ބުރަވެ ވަޑައިގަންނަވާކަމަށް އިމާމުނަވަވީ އަލްމިންހާޖު (14/265) ގައި ލިއުއްވާފައި ވެއެވެ. އަދި އެކަލޭގެފާނު ވިދާޅުވަނީ އެކަލޭގެފާނު ބުރަވެ ވަޑައިގަންނަވަނީ މަކްރޫހަ ތަންޒީހީއަށް ކަމަށެވެ. ނަމަވެސް އިބްނި ޙަޖަރުގެ ބަސްފުޅުން ސާބިތުވަނީ ނަވަވީގެ އަރިހުގައި މަކްރޫހަ ތަޙްރީމީއެއް ކަމަށެވެ. ފަހަރެއްގައި ނަވަވީގެ ދެރައުޔެއް އޮތީ ކަމަށް ވެދާނެއެވެ.
އިމާމު ޠަބަރާނީ ވިދާޅުވެފައިވާކަމަށް ނަވަވީ ވިދާޅުވަނީ، ކުލަ ޖެއްސުމާމެދު އައިސްފައިވާ ޙަދީޘުތަކާއި ނުޖެއްސުމަށް އައިސްފައިވާ ޙަދީޘުތަކާއި މިއެންމެހައި ޙަދީޘުތައް ޞައްޙަކަމަށާއި ސަލަފުއް ޞާލިޙުންގެ މެދުގައި ޚިލާފު ވެފައިވަނީ ޙާލަތާ ގުޅިގެން ކަމަށެވެ. އެހެންކަމުން ނަވަވީ ވިދާޅުވަނީ މިކަމުގައި ހުރި އަމުރުގެ ޙަދީޘުތަކާއި ނަހީގެ ޙަދީޘުތަކާއި ދެކޮޅުގެ ޙަދީޘަކަށް ބަލާލުމުން މިއިން އެއްވެސް ކޮޅެއްގެ ޙުކުމުގައި ވާޖިބުގެ މާނައެއް ނެތްކަމަށް ޢިލްމުވެރިންގެ އިޖްމާ އެއްބަސްވާ ކަމަށެވެ. އެހެންކަމުން އެބޭކަލުން އެކި ގޮތްގޮތަށް ޢަމަލު ކުރެއްވި އިރު އަނެއް ގޮތަކާ އެއިން އެއްވެސް ބޭކަލަކު އިންކާރު ކުރަށްވައި ދެކޮޅު ހައްދަވާފައި އެއަށް ފާޑުވިދާޅުވެފައި ނެތެވެ. އަލްމިންހާޖު: (14/265)
[ނޯޓް؛ މި ލިޔުން ނަގާފައިވަނީ ޙުސައިން ރަޝީދު އަޙްމަދު ލިޔުންތެރިންގެ ގުޅުން، އަށް ލިޔުއްވާފައިވާ ލިޔުމުން، ]

