މިއަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް ބަލައިގަންނަން މިއަދުން ފެށިގެން ފަށައިފިއެވެ.
ޒަކާތު ހައުސްއިން މިކަން އިޢުލާންކުރައްވަމުން ވިދާޅުވެފައިވަނީ ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ހެނދުނު 6 ޖެހުމާ ހަމައަށް އޮންލައިންކޮށް ޒަކާތް ބަލައިގަންނަމުން ދާނެ ކަމަށެވެ.
މިއަހަރުވެސް އޮންލައިންކޮށް 5 ޕްލެޓްފޯމަކުން ޒަކާތް ދެއްކޭނެއެވެ. އެއީ
- ދިރާގު އެޕް/ދިރާގު ޕޭ،
- އުރީދޫ އެމް ފައިސާ،
- މޯލްޑިވްސް އިސްލާމިކް ބޭންކު،
- ބޭންކް އޮފް މޯލްޑިވްސް މޯބައިލް އެޕްލިކޭޝަން
- ފަހިޕޭ
- މީގެ އިތުރުން ބަނޑޭރި ޕޭ މެދުވެރިކޮށްވެސް ޒަކާތް ދެއްކޭނެއެވެ.
ޒަކާތު ހައުސްއިން ބުނީ ބަނޑޭރިޕޭ އަދި ފަހިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށްވެސް ފިތުރު ޒަކާތް ދެއްކޭނެ ކަމަށެވެ. އަދި ޢުމުރުން ދުވަސްވީ މީހުންނާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތައް ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާތީ، ކައުންޓަރުން ޒަކާތް ބަލައިގަންނާނެ ގަޑިތައްވެސް ޒަކާތު ހައުސްއިން ވަނީ އިޢުލާންކުރައްވާފައެވެ. އެގޮތުން:
- 2 މާރިޗުން 20 މާރިޗަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 13:00 އަށް،
- 23 މާރިޗުން 30 މާރިޗަށް ހުކުރު ހޮނިހިރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 11:00 އިން 14:00 އަށް ކައުންޓަރުތަކުން ޒަކާތް ބަލައިގަންނާނެއެވެ.
ރަށްރަށުގައި ނަޤުދު ފައިސާއިން ފިތުރުޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ރަށު އަދި ސިޓީ ކައުންސިލުންކަމަށް ޒަކާތު ހައުސްއިން ވިދާޅުވެފައިވެއެވެ.
މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ ޢަދަދުތައްވެސް ޒަކާތު ހައުސްއިން ވަނީ އިޢުލާންކުރައްވާފައެވެ. އެގޮތުން
- އާދައިގެ ހަނޑޫ 12 ރުފިޔާ،
- ތައިލެންޑް ހުދު ހަނޑޫ 62 ރުފިޔާ
- ރަތް ހަނޑޫ 86 ރުފިޔާ،
- ބާސްމަތީ ހަނޑޫ (އާދައިގެ) 74 ރުފިޔާ،
- ބާސްމަތީ ހަނޑޫ (މޮޅު) 100 ރުފިޔާ،
- ބާސްމަތީ ހަނޑޫ (އެންމެ މޮޅު) 133 ރުފިޔާ،
- އާދައިގެ ފުށް 10 ރުފިޔާ
- އާޓާ ފުށް 75 ރުފިޔާގެ މަގުން ފިޠުރު ޒަކާތް ދެއްކިދާނެއެވެ.
ފިޠުރު ޒަކާތަކީ ރަމަޟާން މަސް ނިމުމާއެކު ޒަކާތް ޙައްޤުވާ މީހުންނަށް ދޭންޖެހޭ މާއްދީ އެހީތެރިކަމެކެވެ. މި ޒަކާތް ފަރުޟު ކުރެއްވުނީ ރަމަޟާންމަހުގެ ރޯދައާއެކު ހިޖުރައިން 2ވަނަ އަހަރުއެވެ. ފިތުރު ޒަކާތް ދެއްކުން ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވެއެވެ.
ޒަކާތު ހައުސްއިން އިތުރަށް މަޢުލޫމާތު ދެމުން ބުނީ ވަނީ ފިތުރު ޒަކާތް ދެއްކުމަށް ހަމަޖެހިފައި އޮންނަނީ އެބަޔަކު އެޤައުމެއްގައި ޢާއްމުކޮށް ކައިއުޅޭ ގޮވާމުގެ ބާވަތަކުންކަމަށެވެ. އޭގެ މިންވަރަކީ ޞާޢެއް، ނުވަތަ ދެއަތް ގޮށިން ނެގޭ މިންވަރެވެ. މިގޮތުން ބަލާއިރު އެކި ބާވަތުގެ ގޮވާމުގެ ބަރުދަން ތަފާތުވާކަމަށްވެސް ބުނެފައިވެއެވެ.

