ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ސްމާރޓް މީޓަރ ހަރުކުރުމުގެ މަސައްކަތް ރަމަޟާން މަހުގެ ފަހުން ފަށާނެކަމަށް އެ ކުންފުނިން މިއަދު ހާމަކޮށްފިއެވެ.
މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓެއް މިދިޔަ އަހަރުގެ ފަހުކޮޅު ސްޓެލްކޯއިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދައުލަތުގެ މީޑިޔާ”ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރ އިބްރާހިމް ނާޝިދު ވިދާޅުވީ، ޕައިލެޓް ޕްރޮޖެކްޓް ކާމިޔާބުކޮށް ނިންމާލުމަށްފަހު މިހާރު އެ ކުންފުނިން ތައްޔާރުވަމުން އަންނަނީ ސްމާރޓް މީޓަރ ހަރުކުރުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް ކަމަށެވެ.
“އަޅުގަނޑުމެންގެ މީޓަރިން ޝިޕްމަންޓްގެ ފުރަތަމަ ޝިޕްމަންޓް މިހާރު މާލެ އައުމުގެ މަގުމަތީގައި. އުންމީދުކުރަނީ މި މަސް ނިމުމުގެ ކުރިން ޝިޕްމަންޓް ލިބޭނެކަމަށް. ރޯދަމަސް ނިންމާލާފައި މީޓަރު ހަރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިގެން ކުރިއަށް ގެންދާނަން،” ނާޝިދު ވިދާޅުވިއެވެ.
ނާޝިދު ވިދާޅުވީ، ސްމާރޓް މީޓަރ ޕްރޮޖެކްޓާއެކު ކަސްޓަމަރުންނަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން ކޮންމެ 15 މިނެޓަކުން ކަރަންޓް ހޭދަވާ މިންވަރު ކަސްޓަމަރުންނަށް އަމިއްލައަށް ބަލާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
“ކޮންމެ ކަސްޓަމަރަކަށްވެސް އެބޭފުޅެއްގެ ކޮންސަމްޝަން ދުވާލުގެ 15 މިނެޓަކުން 15 މިނެޓަކުން އަޕްޑޭޓް ވެގެންއަންނާނެ. ކޮންމެ ގަޑިއިރަކު 4 ޑޭޓާ ޕޮއިންޓް ލިބޭނެ ކިހާވަރަކަށްތޯ ޔޫސޭޖް މި އަންނަނީ،” ނާޝިދު ވިދާޅުވިއެވެ.
ސްޓެލްކޯގެ އަމާޒަކީ 1 އަހަރު ދުވަހުގެ ތެރޭގައި މި ޕްރޮޖެކްޓް ނިންމާލުން ކަމަށް ނާޝިދު ވިދާޅުވިއެވެ. އަދި މާލެއާއި ރަށްރަށުގައިވެސް ހުރިހާ ދިމާލެއްގައި ހުރި މީޓަރުތައް ސްމާރޓް މީޓަރުތަކަށް ބަދަލުކުރުމަށް ވަނީ ރޭވިފައެވެ.
ސްޓެލްކޯއިން ބުނީ އެންމެ ފުރަތަމަ ސްމާރޓް މީޓަރ ހަރުކުރުމަށް ވިސްނާފައިވަނީ ހުޅުމާލޭގައި ކަމަށެވެ. ނަމަވެސް މަސައްކަތްކުރާނީ އެއް ފަހަރާ ގިނަ ސަރަހައްދުތަކުގައި މި ޕްރޮޖެކްޓް ފެށުމަށް ކަމަށް އެ ކުންފުނިން ވަނީ ހާމަކޮށްފައެވެ.
މި ޕްރޮޖެކްޓަކީ ސްޓެލްކޯއިން މިހާރު ކުރިއަށް ގެންދާންދާ އެންމެ ބޮޑު އެއް ޕްރޮޖެކްޓެވެ. މި ޕްރޮޖެކްޓުގެ ސަބަބުން ރާއްޖޭގެ ކަރަންޓު ވިއުގައަށް ބޮޑު ކުރިއެރުމެއް ލިބި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިވެގެންދާނެ ކަމަށް ބެލެވެއެވެ.

