މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސްޓޯރޭޖް ކެޕޭސިޓީ މިއަހަރު 5,100 ޓީއީޔޫ (20 ފޫޓު ކޮންޓެއިނަރާ އެއްވަރުގެ ޖާގަ) އަށް އިތުރުކުރެވިއްޖެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދިން "ރޯދައަށް ތައްޔާރު" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އެމްޕީއެލްގެ ޗީފް އޮޕަރޭޓިން އޮފިސަރ އިލްޔާސް މުޙައްމަދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ފެށުނުއިރު ކުންފުނީގެ ސްޓޯރޭޖް ކެޕޭސިޓީ ހުރީ 3,600 ޓީއީޔޫގައެވެ. "މިއީ މިހާތަނަށް ނުލިބޭވަރުގެ ބޮޑު ކުރިއެރުމެއް،" އިލްޔާސް ވިދާޅުވިއެވެ.
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން އެމްޕީއެލްއިން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި މިހާރު ބޭނުންކުރަމުންދާ ގުދަން، ރޯދަމަހަށް ގެންނަ ޕެރިޝަބަލް ކާގޯ ރައްކާކުރެވޭނެ ތަނަކަށް ބަދަލުކުރުން ހިމެނެއެވެ. އަދި އެހެނިހެން މުދާ ހުޅުމާލެއަށް ބަދަލުކޮށް، އެތަނުން ކްލިއަރ ކުރެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
އިތުރު ފިޔަވަޅެއްގެ ގޮތުން، ޔާޑު ސަރަހައްދުގައި އައު ގޭޓެއް ހުޅުވައި، އެތަނުން ވެސް މުދާ ކްލިއަރ ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މީގެ އިތުރުން، ރަމަޟާން މަހަށް ޚާއްސަކޮށް މުވައްޒަފުންގެ އަދަދު ވެސް ވަނީ އިތުރުކޮށްފައެވެ.

