ޢަބްދުﷲ ބިން ޢަމްރުގެ އަރިހުން އަޙްމަދު ރިވާކުރެއްވިއެވެ. ރަސޫލުﷲ ޙަދީޘުކުރެއްވިއެވެ. ރޯދައާއި ޤުރްއާން ޤިޔާމަތްދުވަހު އަޅާއަށް ޝަފާޢަތްތެރިވާނެއެވެ.
ރޯދަ ދަންނަވާނެއެވެ. އަޅުގެ ވެރިރަސްކަލާނކޮ! މިއަޅާ އޭނާ ދުވާލުގެ ވަގުތު ކެއުމާއި، އެދުންތައް ފުއްދުން މަނާކުރީމެވެ. އެހެންކަމުން، އޭނާއަށް ޝަފާޢަތްތެރި ވުމުގެ ފުރުޞަތު މިއަޅާއަށް ދެއްވާނދޭވެ.
އަދި ޤުރްއާން ދަންނަވާނެއެވެ. މިއަޅާ އޭނާއަށް ރޭގަނޑުގެ ނިދި މަނާކުރީމެވެ. އެހެންކަމުން، އޭނާއަށް ޝަފާޢަތްތެރިވުމުގެ ފުރުޞަތު މިއަޅާއަށް ދެއްވާނދޭވެ.
އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ދެން ރޯދައަށާއި ޤުރްއާނަށް އެއަޅާއަށް ޝަފާޢަތްތެރިވުމުގެ ފުރުޞަތު ދެއްވާނެއެވެ. (ރިވާ ކުރެއްވީ އަޙްމަދު)
މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެން ދަނީ ރޯދައިގެ މުހިއްމުކަމާއި، މަތިވެރިކަމެވެ. ޤިޔާމަތް ދުވަހު އެހީތެރިވާނެ އެއްވެސް ފަރާތެއް ނެތި އެކަނިވާ ދުވަހު، މަޙްޝަރުގެ މައިދާނުގައި ރޯދަވެރިޔާ އެކަނި ނުވެ، އޭނާއަށްޓަކައި ﷲގެ ޙަޟްރަތުގައި ޝަފާޢަތްތެރިވުމަށް ރޯދައާއި ރޯދައަށް ހުރެ ރޭ އަޅުކަމުގައި ކިޔެވި ޤުރްއާން މާތް ﷲގެ ޙަޟްރަތުގައި ދަންނަވާތީއެވެ.
ރޯދަ ފިޔަވައި އެހެން އަޅުކަމެއް އަޅާއަށް ޝަފާޢަތްތެރިވާކަން ޙަދީޘުން އެނގިފައި ނުވެއެވެ. ދެން ޝަފާޢަތްތެރިވަނީ ޤުރްއާނެވެ. އެއީ ރޭއަޅުކަމުގައި ނުނިދާ ޤުރްއާން ކިޔަވަން އިން ކަމަށްޓަކައެވެ.
ރޯދަވެރިޔާއަށް ރޯދަ ޝަފާޢަތްތެރިވަނީ އިންސާނާގެ ނަފުސު އެންމެ އެދޭ ކަންކަމުން މާތް ﷲއަށްޓަކައި ދުރުހެލިވެގެން ހުރީތީއެވެ. ރޯދައަށް ހުންނައިރު އޭނާގެ ނަފުސު ކާން ކިތަންމެ ބޭނުވިޔަސް އޭނާ އެކަން ނުކުރެއެވެ. އޭނާގެ ނަފުސުގެ ނުބައި އެދުންތަކަށް ރޯދައަށް ހުރެ އޭނާ އިޖާބަނުދެއެެވެ.
ހުތުރު ވާހަކަދައްކައި، މީހުންނާ ޒުވާބުކޮށް ނަހަދައެވެ. ހުތުރު ޢަމަލުނުކުުރެއެވެ. ރޯދައަށް ހުރެ ޙަލާލު އަނބިމީހާާއާއެކުވެސް ޝަހްވާނީ އެދުން ފުއްެދުމުގެ ޢަމަލެއް ނުހިންގައެވެ. އެހެންކަމުން، އެކަމުގެ ބަދަލެއްގެ ގޮތުގައި މާތް ﷲގެ ޙަޟްރަތުގައި ރޯދަވެރިޔާއަށް ރޯދަ ޝަފާޢަތްތެރިވުމަކީ ރޯދައިގެ މާތްކަން އެނގިގެންދާ ކަމެކެވެ.
{ލިޔުން ނަގާފައިވަނީ ލިޔުންތެރިންގެ ގުޅުން، ލިޔުއްވާފައިވަނީ؛ މުޙައްމަދު ޢަބްދުﷲ]

