ބުޅާތައް ބެލެހެއްޓުމަށް ޤާއިމްކުރި “އޮޅުހިޔާ”ގެ މެޑިކަލް އަދި ވެޓް ކެއަރ ފެސިލިޓީގެ މަސައްކަތް ކުރިއަށް އޮތް 2 ހަފްތާގެ ތެރޭގައި ފެށޭނެކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވަޒީރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެއެވެ.
މާލެ ސަރަހައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ބަލަހައްޓަން ސަރުކާރުން ޤާއިމްކޮށްފައިވާ “އޮޅުހިޔާ” ފެސިލިޓީއަށް މިހާރު ރޭވިފައިވާ ޕްލޭންތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން، ވަޒީރު ވިދާޅުވީ ބުޅާތައް ނެގިގެންދަނީ ވަކި ބައިބަޔަށްކަމަށެވެ.
“އަޅުގަނޑުމެންނަށް ދެ ހަފްތާއެއްހާ ދުވަސް ތެރޭގައި ވެޓް ކެއަރ ފެސިލިޓީ އަދި މެޑިކަލް ފެސިލިޓީގެ ޚިދުމަތް ފަށައިގަނެވޭނެ. އޭގެ ފަހުން ހަމަ މަޑު މަޑުން މާލެ ސަރަހައްދުގައި އުޅޭ ބުޅާތައް ގެނެސް ދޭން ޖެހޭ ޚިދުމަތް ދެމުން ދާނަން،” ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫޢުގެ ކާމިޔާބީއަށްޓަކައި، މާލެ ސަރަހައްދުގައި އުޅޭ ބުޅާ ދެކެ ލޯބިވާ ފަރާތްތަކާއި އަދި މިކަމުގައި ހަރަކާތްތެރިވާ އެންޖީއޯތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މާލެ ސަރަހައްދުގައި އުޅޭ ހުރިހާ ބުޅަލެއް ފެސިލިޓީއަށް ގެނެވޭނެކަމަށް ވަޒީރު ޔަގީންކަން ދެއްވިއެވެ.
5000 އަކަ ފޫޓުގެ ބިމެއްގައި ތަރައްގީކޮށްފައިވާ މި ޒަމާނީ ފެންވަރުގެ ޕެޓް ކެއަރ ފެސިލިޓީ ތަރައްޤީކޮށްފައިވަނީ ދިރޭތަކެއްޗާބެހޭ ވުޒާރާއިން، މާލެސިޓީ ކައުންސިލާ ޙަވާލުކޮށްގެންނެވެ. “އޮޅުހިޔާ” ރަސްމީކޮށް ހުޅުއްވައިދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒެވެ.

