މިހާރު މާލެއަށް ކުރާ ބޯ ވިއްސާރައާ ގުޅިގެން ފެން ބޮޑުވެ، ގެއަށް ދިއުމަށް ދަތިވެފައިވާ އާންމުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ފުލުހުން މަޢުލޫމާތު ދެއްވިގޮތުގައި މި ވަގުތު ފުލުހުން ހަރަކާތްތެރިވަމުންދަނީ އައިޖީއެމްއެޗް ސަރަހައްދުގައި ތިބި އާންމުންނަށް އެހީތެރިވުމުގެ މަސައްކަތުގައެވެ. މިގޮތުން ފުލުހުންގެ އުޅަނދުތަކުގައި އާންމުން އެމީހުންގެ ގެތަކަށް ގެންގޮސްދިނުމުގެ މަސައްކަތް ކުރިއަށްދާކަމަށް ފާހަގަކުރެވެއެވެ.
މޫސުން ގޯސްވެ ބޯ ވިއްސާރަވުމާ ގުޅިގެން މާލެ ސަރަހައްދަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ވަނީ އޮރެންޖު އެލާޓް ނެރެފައެވެ. އަދި މި ހާލަތުގައި ރައްޔިތުން ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކޮށްފައިވެއެވެ.
ވިއްސާރައިގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުގެ ގެތަކަށް ފެންވަދެ ގެއްލުންވަމުންދާތީ، ކަމާބެހޭ އެހެނިހެން އިދާރާތަކުން ވެސް ދަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. މިގޮތުން ފެން ހިންދުމަށްޓަކައި ވެލިބަސްތާ ޖެހުމާއި ޕަމްޕު ބެހެއްޓުމުގެ މަސައްކަތްތައް ކުރިއަށްދާކަމަށް އިދާރާތަކުން މަޢުލޫމާތު ދެއެވެ.

