(ހަގީގީ ހާދިސާ؛ މިއީ ޒުވާން ފިރިހެނަކު އޭނާގެ އަނބިމީހާއަކީ ނަފުސާނީ މައްސަލަ ޖެހިފައިވާ މީހެއްކަން އެނގުމުން އަނބިމީހާއާމެދު ކަންތައް ކުރި ގޮތުގެ ވާހަކައެވެ.)
އަހަރެން ކައިވެނިކުރީ މީގެ ދޮޅު އަހަރު ކުރިން، އަހަރެން އެންމެ ލޯބިވާ އަންހެން ކުއްޖާއާއެވެ. ކައިވެނީގެ ފުރަތަމަ ދުވަސްތަކުގައި ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅެވެ. އެހެންނަމަވެސް، ދުވަސްކޮޅެއް ފަހުން އަހަރެންގެ އަނބިމީހާގެ ފަރާތުން ކުރިން ނުދެކޭ ކަންތައްތަކެއް ފެންނަން ފެށިއެވެ.
އޭނާ ފެންވަރާ ރީތިވެލައިގެން ހުންނަ ތަނެއް ނުފެނެއެވެ. ވާހަކަ ދައްކަން ބޭނުންނުވާ ކަހަލައެވެ. ގިނަ ވަގުތު ހޭދަކުރަނީ ކޮޓަރީގައެވެ. އަހަރެން އެއްޗެއް ބުނުމުން ބައެއްފަހަރު ރޮއެއެވެ. އަނެއްބައި ފަހަރު ރުޅިއައިސް ހަޅޭއްލަވައެވެ. އަހަރެންގެ ދިރިއުޅުން މުޅިން ބަރުބާދުވީ ކަހަލައެވެ. ވަރަށް ދެރަވިއެވެ. އަހަރެން ހިތަށްއެރީ އަންހެނުން މިހެން މިހަދަނީ ކީއްވެބާއޭ؟ އަހަރެން ކުރި ކުށަކީ ކޮބައިބާއޭ؟
މިކަމުން ސަލާމަތްވާން ބޭނުންވިއެވެ. ގެއަށް ވަންނަ ހިތެއްވެސް ނުވެއެވެ. ގެ އޮންނަނީ ވަރަށް ހަޑިކޮށެވެ. ވަރުބަލިވެފައި ހުރެ ގެއަށް އައިސް ގޭތެރެ ސާފުކުރަނީވެސް އަހަރެންނެވެ. އަހަރެންގެ ދިރިއުޅުމުގެ މި ވާހަކަތައް އެންމެ ގާތް މީހުންނާ ވަރަށް ލަދުން ހުރެވެސް ހިއްސާކުރީމެވެ. އަންހެނުންގެ މައިންބަފައިންނަށްވެސް ކިޔައިދިނީމެވެ.
އަންހެނުންގެ މަންމަ އަހަރެންނަށް ދިނީ ވަރަށް ބޮޑު ހައިރާންކަމެކެވެ. ބުނީ ވަރަށް ކުރިއްސުރެ އަހަރެންގެ އަންހެނުން ޑިޕްރެޝަނަށް ފަރުވާ ކުރާ ވާހަކައެވެ. ބޭސްވެސް ބޭނުންކުރާ ވާހަކައެވެ. އެކަމަކު އަހަރ އަހަރެންނާ ކައިވެނިކުރުމަށްފަހު އެ ބޭސް ހުއްޓާލި ކަމަށެވެ. އެއީ ބޭސް ނުކައިވެސް އޭނާ ހަމަޖެހި އުފާވުމުން ކަމަށެވެ.
އަހަރެން ވަރަށް ދެރަވިއެވެ. ރައްޓެހިވެގެން އެހާ ދުވަސްވެ، ކައިވެނިކޮށްގެން އުޅެމުންވެސް އަންހެނުން އަހަރެންނާ އެ ވާހަކަ ނުދެއްކީތީއެވެ. އަހަރެން ވަރަށް ރުޅިވެސް އައެވެ. ހިތަށްއެރީ މިއީ އޮޅުވާލުމެކޭ، އަހަރެންނަށް ދިން ލަނޑެކޭ. އަހަރެން ވަރަށް ވިސްނީމެވެ. އަދި އަންހެނުން ވަރިކުރަން ނިންމީމެވެ. އަހަރެންނަށް މި ކަހަލަ ދިރިއުޅުމެއް ނޫޅެވޭނެއެވެ. އަހަރެން ބޭނުންވަނީ އުފާވެރި ދިރިއުޅުމެކެވެ.
މި ވާހަކަ ގޮސް އަންހެނުންނަށް ބުނީމެވެ. އެވަގުތު އޭނާ ރޮއެ ރޮއެ އަހަރެންގެ ދެފައިގައި ހިފާ އާދޭސްކުރިއެވެ.
“އަހަރެން ދޫކޮށްނުލާށޭ! އަހަރެން މަރުވެދާނޭ!” މިހެން ކިޔާ އިނދެ އެތައް އިރަކު ރުޔެވެ. ގިސްލަ ގިސްލާފައި ރުޔެވެ.
އަހަރެން ވަރަށް ދެރަވިއެވެ. އަހަރެން އަންހެނުންދެކެ ވަރަށް ލޯބިވެއެވެ. ކޮންމެ ގޮތަކަށް ކަންތައްވިޔަސް އަހަރެން އޭނާއަށް މަޢާފްކުރާނީއޭ ހިތަށް އެރިއެވެ. އަދި އަހަރެން ބޭނުންވީ އަންހެނުންނަށް އެހީތެރިވާށެވެ.
އެހެންވެ އަވަހަށް އަހަރެން ދިޔައީ އަންހެނުން ގޮވައިގެން ޑޮކްޓަރަށެވެ. ބޭސް ބޭނުންކުރަން ފެށުމުން ރަނގަޅަށް ނިދަން ފެށުނެވެ. ދެން ވަރަށް ރަނގަޅު ތެރަޕިސްޓެއް ކައިރިއަށްވެސް ގޮވައިގެން ގޮސް އެކަން ކޮންމެ ހަފްތާއަކު އެއްފަހަރު ނަމަވެސް ކުރުވަމެވެ. އަންހެނުން ގޮވައިގެން ގިނައިން ބޭރަށް ގޮސް، ކާން ގޮސް، ފިލްމަށް ގޮސް، ދަތުރު ގޮސް ހަމަ އެންމެ އޭނާ އުފާވާނެ ކަހަލަ ކަންތަކުގައި އުޅުނީމެވެ. އަހަރެންގެ ރައްޓެހިންގެ ކައިރީ އަބަދުވެސް އަންހެނުންނަށް އޭނާ ކުރިމަތީގައި ތަޢުރީފުކުރަމެވެ.
އަހަރެންނަށް އަހަރެންގެ ލޯބިވާ އަނބިމީހާ އަލުން އަނބުރާ ލިބުނީ ވަރަށް ދުވަހު އަހަރެން ކެތްތެރިކަމާއެކު ކުރި މަސައްކަތުންނެވެ. އޮފީހުގައި ހުއްޓަސް ގުޅައި ހާލު ބަލަމެވެ. ވަރަށް ލޯބިން ދެމީހުން އެކު އުޅެން ފެށީމެވެ.
މިއަދު އަންހެނުންނަކީ ވަރަށް މަސައްކަތްތެރި، އަމިއްލަ ކުޑަ ކުޑަ ވިޔަފާރިއެއްވެސް ގޭގައި ކުރަމުން އަންނަ މީހެކެވެ. އެއީ މުޅިން އެހެން މީހެއްފަދައެވެ. އަހަރެން ވަރަށް އުފާވެއެވެ. ނަމާދު ކުރެއެވެ. އަހަރެންވެސް އަޅުކަމުގައި އަހުލުވެރިކުރުވަން އަބަދުވެސް މަސައްކަތް ކުރެއެވެ. ގޭތެރެ ވަރަށް ހިތްގައިމެވެ. ގެއަށް އަންނައިރު މީރު މީރުކޮށް ކާން ހުރެއެވެ. ރީތިވެ ނަލަވެލައިގެން އަހަރެންގެ އިންތިޒާރުގައި ހުރެއެވެ.
އަދިވެސް އޭނާއަށް އެފަދަ ދެރަވާ މާޔޫސްވާ ދުވަސްތައް މަދުންނަމަވެސް ދިމާވެއެވެ. އެކަމަކު އަހަރެންގެ ލޮބުވެތި އަނބިމީހާއަށް އަހަރެންގެ ލޯތްބާއި އަޅާލުން އަދި އެހީތެރިކަން އަބަދުވެސް އަހަރެން ދެމެވެ. މިހެން މިފަދަ މީހުން ބާކީކޮށްލުމުން އެމީހުން ގޮތް ހުސްވެގެންދެއެވެ. އެހެން ނުހަދާށެވެ. އެމީހުންނަށްވެސް ފުރުޞަތެއް ދޭށެވެ. މިއީ ފަސޭހަ ކަމެއް ނޫނެވެ. ކެތްތެރިވާން ޖެހޭ ކަމެކެވެ!”
(އަސްލުނެގިފައިވަނީ ވިދާ ޕޭޖުން)

