މި ރަމަޟާން މަހު އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން މެދުވެރިކޮށް ބިލް ދައްކާ ކަސްޓަމަރުންގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކަސްޓަމަރަކަށް އުމްރާ ދަތުރެއް ދިނުމަށް އެ ކުންފުނިން ނިންމައިފިއެވެ.
އެމްޑަބްލިއުއެސްސީއަށް 30 އަހަރު ފުރުމާ ގުޅިގެން އަދި ރަމަޟާން މަހާ ގުޅުވައިގެން “އެކުވެރި ރޯދަ 30” ގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށާފައިވާ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދީފައިވެއެވެ. މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ ރަމަޟާން މަހާ ގުޅުވައިގެން ކަސްޓަމަރުންނަށް ފަހި ފުރުސަތެއް ހޯދައިދިނުމާއެކު، އެމްޑަބްލިއުއެސްސީގެ އެޕަށް އަހުލުވެރިކުރުވައި، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުމެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޝަރުތުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުމާއި، ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެޕް މެދުވެރިކޮށް ބިލަށް ފައިސާ ދެއްކުމާއި، ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު ނުދައްކާ އެއްވެސް ބިލެއް ނެތުން ހިމެނެއެވެ.
ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް އިޢުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭގައި އުމްރާ ދަތުރުގެ ބޭނުން ކުރަންވާނެއެވެ. އަދި އުމްރާ ދަތުރު ލިބޭ ފަރާތަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުސަތުވެސް ދެވޭނެއެވެ.
އެމްޑަބްލިއުއެސްސީން ބުނީ މި ޕްރޮމޯޝަން ހިންގަނީ ބިލް ދެއްކުމަށް ކައުންޓަރުތަކަށް އައުމުގެ ބަދަލުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ބާރުއެޅުމާއި، ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޒަމާނީކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ހޯދުމަށް ކަމަށެވެ. މި ޕްރޮމޯޝަން ކުރިއަށް ގެންދާނީ މި މަހުގެ ނިޔަލަށެވެ.

