ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރާ ކާބޯތަކެތީގެ އާންމު ޕޯސްޓުތަކަށް ހުއްދަ ނަގަން ނުޖެހޭނެކަމަށް ސިއްޙީ ވުޒާރާއިން މިއަދު އިއުލާނުކޮށްފިއެވެ. މިއީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އާންމުކުރި ކާބޯތަކެތި އިޝްތިހާރުކުރުމާ ބެހޭ ޤަވާއިދަށް އިތުރު ތަފްސީލު ގެނައުމުގެ ގޮތުން ނެރުނު އިއުލާނެކެވެ.
ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި، ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނުގެ މެނޫ އަދި ގޭގައި ކާބޯތަކެތި ތައްޔާރުކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރާ އާންމު އިޝްތިހާރުތަކަށް ހުއްދަ ނަގާކަށް ނުޖެހޭނެއެވެ. ނަމަވެސް "ދެވަނައެއް ނެތް" ފަދަ އިބާރާތްތައް ބޭނުންކޮށްގެން ނުވަތަ އެހެން ކާބޯތަކެއްޗާ އަޅާކިޔައިގެން ކުރާ އިޝްތިހާރުތަކަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ހުއްދަ ހޯދަންޖެހޭނެއެވެ.
އަދި ކާބޯތަކެތި ތަހުލީލުކުރާ ލެބޯޓަރީއަކުން ދޫކުރާ ރިޕޯޓެއްގެ ނުވަތަ ރިފަރަލް ލެބޯޓަރީއަކުން ދޫކޮށްފައިވާ ސެޓްފިކެޓް އޮފް އެނަލިސިސްއެއްގެ ނުވަތަ އެއިން ލިޔުމެއް އިޝްތިހާރުގައި ބޭނުންކުރުމަކީ މަނާކަމެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.
މި ޤަވާއިދުގެ ދަށުން އިޝްތިހާރުތަކަށް ހުއްދަ ދެވޭނީ ތިން އަހަރުގެ މުއްދަތަށެވެ. އަދި ހުއްދަ ދިނުމަށް ވީޑިއޯ އަދި އޯޑިއޯ އިޝްތިހާރުތަކަށް 1,500 ރުފިޔާ، އެހެނިހެން އިޝްތިހާރުތަކަށް 1,000 ރުފިޔާ، އަދި ކާބަނޭޓަޑް އަދި އެނަރޖީ ޑްރިންކްސްގެ އިޝްތިހާރުތަކަށް 3,000 ރުފިޔާގެ ފީއެއް ނެގޭނެއެވެ.
ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅުތަކެއް އެޅޭނެކަމަށް ސިއްޙީ ވުޒާރާއިން ބުނެފައިވެއެވެ. މިގޮތުން ފުރަތަމަ ފަހަރު 10,000 ރުފިޔާ، ދެވަނަ ފަހަރު 100,000 ރުފިޔާ، އަދި ތިންވަނަ ފަހަރު 300,000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

