ހުޅުމާލޭ ސަހަރާގައި ކަށްވަޅުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެ ސަހަރާގައި މައްޔިތުން ވަޅުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިކަން އިއުލާނުކުރީ ކަށްވަޅުތަކުގައި 8 އިންޗިއާއި 9 އިންޗިއާ ދެމެދުގެ މިންވަރަށް ފެން ހުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން މިއަދުގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ ސަހަރާގައި ވަޅުލުމަށް ހަމަޖެހިފައިވާ މައްޔިތާ ވަޅުލުން މާލޭ އާސަހަރާއަށް ބަދަލުކުރެވިފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ހާމަކޮށްފައެވެ.
މިވަގުތު ރާއްޖޭގެ މޫސުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އިއްޔެއިން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހެމުންދާއިރު، މިހާތަނަށް 16،911 ޓަނުގެ ފެން ޕަމްޕުކޮށް ބޭރުކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
މި ވިއްސާރައިގެ ސަބަބުން މާލޭގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ވެސް ވަނީ ލިބިފައެވެ. އަދި މިހާރު ވެސް މޫސުން ރަނގަޅުވާނެ ކަމުގެ އެއްވެސް އަލާމާތެއް ފެންނާކަށް ނެތެވެ.

